މި އަހަރު ފެށުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށް ޓޫރިޒަމް އަމާޒުގެ ގޮތުގައި ބުނެފައި ވަނީ 1.81 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް އަހަރު ފެށިގެން އައި އިރު، ކޮވިޑްގައި ރާއްޖެއަށް ޗައިނާ ފަތުރުވެރިން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް އައިސް ޓޫރިޒަމް ރަނގަޅުވަމުން އަންނާތީ އެ އަމާޒު ވަނީ 1.93 މިލިއަނަށް އިތުރު ކޮށްފައެވެ.

މި އަހަރު ނިމުމަށް ބާކީ 45 ދުވަސް އޮތް އިރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރި އަދަދު ހާސިލް ކުރަން ދެން ބޭނުން ވަނީ 329،618 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުން ދައްކައިފިއެވެ.

"އަޅުގަނޑުމެން ބަޖެޓް ކުރި އިރު ބަޖެޓް ކުރީ 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް. އޮރިޖިނަލް ޓާގެޓަކީ 1.8 މިލިއަން. ދެން ފަހުން އެރައިވަލް ވަރަށް ރަނގަަށް ޕިކް ކުރާތީ އަޅުގަނޑުމެން ޓާގެޓް ރިވިއުކުރީ 1.9 މިލިއަންއަށް"
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެއާ ހަމައަށް ރާއްޖެއަށް ވަނީ 1،600،382 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ވަނީ 1،417،529 ފަތުރުވެރިން އައިސްފައެވެ. އަދި 2021 ވަނަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 1،084،098 އެވެ. އަހަރުން އަހަރަށް ބަލާއިރު، ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ކަމުގެ ހެއްކެވެ.

އުންމީދަކީ 1.9 މިލިއަން ހަމަވުން، ހަމަނުވިޔަސް ވަރަށް ގާތްކުރާނެ: މައުސޫމް

ފަތުރުވެރިކަމުގެ ޓާގެޓް ހާސިލް ކުރުމަކީ ދުނިޔެއަށް އަންނަ އެކި ކަންކަމަށް ބަލާފައި ބަދަލު އައިސްދާނެ އެއްޗެއްގެ ގޮތުގައި މައުސޫމް ސިފަ ކުރެއްވިއެވެ. އެ ގޮތުން ދުނިޔޭގެ ހިނަގާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގުތައް އުފުލުމާއި ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި ދަތުރުފަތުރު ކުރުމަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވެގެން ދިއުމަކީ ފަތުރުވެރިން ދަތުރު ކުރާ މިންވަރު ދަށަށް ދާނެ ކަމެއްގެ ގޮތުގައި މައުސޫމް ފާހަގަ ކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
"ދުނިޔޭގައި ހިނގާ ހަަމަނުޖެހުންތަކުގެ އަސަރު ވަރަށް ބޮޑަށް ކުރޭ. އެހެންނަމަވެސް އަޅުގަނޑަށް ވަރަށް ބޮޑު އުންމީދެއް އެބަ އޮތް 1.9 އަށް ރީޗް ވެވޭނެ. ދެން ރީޗް ނުވިޔަސް ވަރަށް ގާތްކުރާނެ. ބޮޑަށް ހިންދެމިލައިފިއްޔާ އަތް ޖެހޭ ވަރު ވާނެ."
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ އެންމެ ޕީކް ދުވަސްވަރު ކަން ފާހަގަ ކުރައްވަމުން މައުސޫމް ވިދާޅުވީ، އާންމުކޮށް ޕީކް ސީޒަން ފެށޭ އިރު ކުރިއާލައި ގިނަ ފަތުރުވެރިން ބުކިން ހައްދާ ކަަމަށެވެ. ނަމަވެސް މި އަހަރުގެ ސީޒަން ތެރޭގައި ދުރާލާ ބުކިން ހަދާ މިންވަރު މަދު ކަން މައުސޫމް ފާހަގަ ކުރެއްވިއެވެ.

ބުކިން ކުރާ އަދަދު ދަށަށް ދާ ސަބަބެއްގެ ގޮތުގައި މައުސޫމް ފާހަގަ ކުރެއްވީ ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާއި، މަތިންދާ ބޯޓުތަކުގެ އަގުތައް އުފުލިގެން ދިއުމެވެ. މި ސަބަބުތަކަށް ރިއާޔަތް ކުރައްވަމުން މައުސޫމް ވިދާޅުވީ، އަހަރު ނިމޭ އިރު ބަޖެޓް ކުރި އިރު، އަންދާޒާ ކުރި ޓަގެޓް 1.8 ހާސިލް ކުރެވޭނ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މި ސަރުކާރާ އެކު މައުސޫމް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ތޫރިޒަމް މާސްތާ ޕަލޭނެއް ވަނީ ތައްޔާރު ކުރައްވާފައެވެ. މި ދައުރު ނިމެން އެއް ދުވަހަށް ވެފައިވާ އިރު، މައުސޫމް ވިދާޅުވީ، އެ މާސްޓާ ޕްލޭނަކީ ޓޫރިޒަމް ކުރިއަށް ގެންދާނެ މަގު ޗާޓެއް ކަމަށެވެ. އެ މަގު ޗާޓާ އެއްގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ރާއްޖެއަށް ވަރަށް ބޮޑު މަންފާއެއް ލިބިގެން ދާނެ ކަމަށާއި އެ މަގު ޗާޓުން ކަސިޔާރު ނުވެ ކުރިއަށް ދިއުމަކީ ރާއްޖެއަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މައުސޫމް ފާހަގަ ކުރެއްވިއެވެ.

އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު: ރަޝިއާ، ޗައިނާ އަދި އިންޑިއާ

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން އިތުރުވަމުން އަންނަ އެއް ސަބަބެއްގެ ގޮތުގައި ފާހަގަވެފައި މި ވަނީ ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން މި އަހަރު އަންނަން ފެށުމެވެ. އެންމެ ފަތުރުވެރިން މަދުން އަންނަ ދުވަސްވަރު ވެސް ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 17،671 ފަތުރުވެރިން ޗައިނާއިން އައިސްފައިވާ އިރު، ދެވަނަ ކުއާޓަރުގައި ވަނީ 45،736 ފަތުރުވެރިން އައިސްފައެވެ.

ޗައިނާ އިން އަންނަ ފަތުރުވެރިން އިތުރުވަމުން އަންނަ އިރު މިދިޔަ ކުއާޓަރުގެ ޖޫން މަހުގެ ކުރީ ކޮޅު ޗައިނާ މާކެޓް ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގެ 5 ވަނައިގައެވެ. ނަމަވެސް ދެވަނަ ކުއާޓަރު ނިންމާލި އިރު ޗައިނާ މި ވަނީ އެ ލިސްޓުގެ 3 ވަނައަށް އަރާފައެވެ. މިހާރު އެ ގައުމު އޮތީ 169،720 ފަތުރުވެރިންނާއެކު އެ ލިސްޓުގެ ތިން ވަނައިގައެވެ.

ޗައިނާގެ ބެއިޖިން ކެޕިޓަލް އިން އައި ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި --- ފަތުރުވެރިންނަށް އެއާޕޯޓުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައި / ފޮޓޯ: އަހްމަދު އިޔާދު - ދަ ޕްރެސް

މިދިޔަ އަހަރާއި މިއަހަރާ އަޅާ ކިޔާ އިރު، ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރަޝިއާއިން 29،596 ފަތުރުވެރިން އައިސްފައިވާ އިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރަޝިއާއިން ވަނީ 43،761 ފަތުރުވެރިން އައިސްފައެވެ. މިއީ 48 ޕަސެންޓްގެ ކުރިއެރުމެކެވެ. މިހާރު ރަޝީއާ އޮތީ 183،771 ފަތުރުވެރިންނާއެކު އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓްގެ އެއްވަނައިގައެވެ. މިދިޔަ އަހަރު ނިންމާލި އިރު، ރަޝިއާ އޮތީ 201،957 ފަތުރުވެރިންނާ އެކު އެ ލިސްޓްގެ ދެވަނައިގައެވެ.

ޗައިނާ އާއި ރަޝިއާ އިން އައި ފަތުރުވެރިން އިތުރުވެފައި ވީ ނަމަވެސް، މާކެޓްގެ އެންމެ ކުރީގައި އޮތް ގައުމުތަކުގެ ތެރެއިން އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު މި ވަނީ މިދިޔަ އަހަރާ އަޅާ ބާލައިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އިންޑިއާއިން 172،774 ފަތުރުވެރިން އައިސަފައިވާ އިރު، އެ ގައުމު އޮތީ އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓްގެ ދެވަނައިގައެވެ. މިދިޔަ އަހަރު އިންޑިއާއިން ވަނީ 241،369 ފަތުރުވެރިން އައިސް އެ ލިސްޓުގެ އެއް ވަނަ ހޯދާފައެވެ.

މިހާރު އެ ލިސްޓުގެ އެއްވަނައިގައި އޮތީ ރަޝިއާ އަދި ދެވަނައިގައި އޮތީ އިންޑިއާއެވެ. އިންޑިއާ ދެވަނަ އަށް ވެއްޓިފައިވާ އިރު ފުރަތަމަ ކުއާޓަރުގައި އިންޑިއާ އޮތީ އެ ލިސްޓުގެ އެއްވަނައިގައެވެ.

މިދިޔަ އަހަރު ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު މުގުރާލުމާ ގާތަށް!

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މުޅި އަހަަރުތެރޭ އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ފުރަތަމަ ކުއާޓަރުގައެވެ. ޖެނުއަރީ މަހު 1.72 ލައްކަ ފަތުރުވެރިން، ފެބްރުއަރީ މަހު 1.77 ލައްކަ ފަތުރުވެރިން އަދި މާޗް މަހު 1.73 ލައްކަ ފަތުރުވެރިން ވަނީ އައިސްފައެވެ. އެއަށް ފަހު ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. އެއީ 1.59 ލައްކަ ފަތުރުވެރިންނެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން / ފޮޓޯ: ވީއައިއޭ

މިއަހަރު މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާ އިރު، މިދިޔަ އަހަރު ތެރޭ ފަތުރުވެރިން އައި ޖުމްލަ އަދަދު މުގުރާލުމާ ގާތަށް މި ވަނީ ގޮސްފައެވެ. އެ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 1،675،303 ފަތުރުވެރިން އައިސްފައިވާ އިރު، އެ އަދަދު މުގުރާލަން ދެން ބާކީ ބޭނުން ވަނީ 75،000 ފަތުރުވެރިން އައުމެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ވޭތުވެ ދެ އަހަރުތެރޭ ހިންގި ކެމްޕެއިންތަކުގެ ސަބަބުންނެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށް ޓޫރިޒަމް ދުވަހު ކީ މަރުހަބާގެ ތެރެއިން / ފޮޓޯ: ވީއައިއޭ

ކޮވިޑް އައުމުގެ ކުރިއަށް ބަލާއިރު 2019 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1.7 މިލިއަންއެވެ. މިއަހަރު ކުރިއަށް މިއޮތް ދޮޅު މަސް ދުވަހު ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފި ނަމަ ކޮވިޑްގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް ހަމައަށް ވާސިލްވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އަންނަ އަހަރުގެ ބަޖެޓު ލަފާކޮށްފައިވާ އިރު، ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލު ނިންމައި، 2025 ވަނަ އަހަރުން ފެށިގެން އެ ޓާމިނަލުން ހިދުމަތް ދޭން ފެށޭ ވަރު ވާނެ ކަމަށެވެ. އޭގެ ސަބަބުން މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ވުރެ ދެ ގުނަ އިތުރުވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އެހެންކަމުން 2026 ގައި ރާއްޖެ އަށް 2.5 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.