ހިޔާގައި ދިރިއުޅެން އަދި އަވަސް ޝޮޕިންއަކަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ހިޔާ ޓަވަރު H5-G-09 ގައި މިއަދު އާ ރީޓެއިލް އައުޓްލެޓް ކަމަށްވާ ޔެލީ މާޓް ހުޅުވައިފިއެވެ.
އެޗްޑީސީން ބުނީ، މިއަދު ހިޔާ ފްލެތް ސަރަހއްދުގައި ހުޅުވިގެން މި ދިޔައީ 3 ވަނަ ކޮމާޝަން ފިހާރާ ކަމަށެވެ. ހިޔާ ޓަވަރު 16ގައި "އޮލިވް ޓްރީ" ގެ ފިހާރައެއް ހުޅުވާފައިވާ އިރު، ހިޔާ ޓަވަރު 12 ގައި ވެސް ވަނީ "އެޗްސީޔޫ މާޓު"ގެ ނަމުގައި ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ފިހާރައެއް ހުޅުވާފައެވެ. އަދި މިއަދު ހިޔާ ޓަވަރު 5 ގައި ވަނީ "ޔެލީ މާޓް" ގެ ނަމުގައި ރީޓެއިލް ފިހާރައެއް ހުޅުވާފައެވެ.
މިއަދު ހުޅުވި ފިހާރައަކީ ވެސް ކާބޯތަކެއްޗާއި އާންމު ބޭނުންތަކަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައެކެވެ.
މި ވަގުތު ހިޔާ ޓަވަރުގައި ރީޓެއިލް ފިހާރަތަކެއް ހުޅުވާފައިވާ އިރު، އެޗްޑީސީން ބުނީ، އޭގެ އިތުރުން އެސްއެމްއީ ރީޓެއިލް، އާޓްސް/ ކްރާފްޓްސް، ބިއުޓީ އެންޑް ކޮސްމެޓިކްސް، ޕްރިންޓިން / ފޮޓޯ ސްޓޫޑިއޯ، ސާވިސް ސެންޓަރު އަދި ޖިމް ސްޓޫޑިއޯ ފަދަ ކެޓަގަރީތަކުން ކޮމާޝަލް ޔުނިޓްތައް ހިންގުމުގެ ފުރުސަތު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ހިޔާ މަޝްރޫއުގައި 6720 ހައުސިން ޔުނިޓް ހިމެނޭ ގޮތަށް 16 ޓަވަރު ވަނީ އަޅާފައެވެ. އެ ޓަވަރުތަކުގައި 40،000 މީހުންނަށް ދިރިއުޅެވޭ އިރު، ހުރިހާ ޓަވަރުތަކެއްގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ ކުއްޔަށް އުޅޭ މީހުންގެ ބޭނުންތައް ފުއްދުމަށް ކޮމާޝަލް އަދި އިންސްޓިޓިއުޝަނަލް ބޭނުންތަކަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގެ އެންމެ ތިރި ހާއްސަ ކޮށްފައިވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އެގޮތުން އެ ތަންތަނުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލައިފައެވެ. މިދިޔަ ހަފްތާގައި ހިޔާ ފްލެޓުގެ 15 ވަނަ ޓަވަރުގައި ވަނީ ސެލޫނެއް ވެސް ހުޅުވައިފައެވެ.