ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުން ނެރޭ ކުނި އެޅުމަށް އިތުރު ޑަސްބިންތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަހައްޓައިފިއެވެ.

އެޗްޑީސީން ބުނީ އިތުރު ޑަސްބިން ބެހެއްޓީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ އިތުރުން، އެ ސަރަޙައްދުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ.

ދެން އޮތީ ކުނި އެޅުމުގައި އެތަން ސާފު ތާހިރުކޮށް ބޭއްވުމަށް އާންމުން ކުރަން ޖެހޭ މަސައްކަތް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން މީގެ ކުރިން ވެސް ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ކުނި އެޅުމަށް ހާއްސަ 30 ޑަސްބިންއެއް ބަހައްޓާފައެވެ. ނަމަވެސް އެ ޑަސްބިންތައް ފުރި، ޑަސްބިނުން ބޭރުގައި ވެސް ކުނި ބަހައްޓާ އެ ސަރަހައްދުގައި ކުނި ގިނަވެފައި އޮވެ އެކަން ހާއްލު ކުރަން އެޗްޑީސީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ މީގެ ކުރިން ބުނެފައެވެ.

އެގޮތުން ހިޔާ ފަލެޓް ސަރަހައްދު ކުނި ކަހާ އެ ސަރައްހަދު ސާފުކޮށް ބޭއްވުމަށް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެގޮތުން ހިޔާ ފްްލެޓް ހުންނަ ސަރަހައްދުން 4 ސަރަހައްދެއް ވަކިކޮށް އެތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް 4 ބަޔަކަށް ވަނީ ހަވާލުކޮށްފައެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން 12:00 އާ ހަމަޔަށް ޓަވަރުތައް ސާފުކުރުމުގެ މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައި ވާއިރު، ކޮންމެ ހަފްތާ އަކު އަދި މަހުން މަހަށް މުޅި ސަރަހައްދުގެ ފުރިހަމަ ސާފުކުރުމެއް ވެސް އޮންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.