ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ ރަށްވެހިންނަށް ދޫކުރާ 60 ބިމުގެ ތެރެއިން، ބީޗު ސަރަހައްދުގެ ބާކީ ހުރި ބިންތަކަށް 180 މީހުން ކުރިމަތިލައިފިއެވެ

މިދިޔަ ޑިސެމްބަރުގެ 27 ގައި އެޗްޑީސީން ވަނީ ބީލަމުގެ އުސޫލުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް އިއުލާނު ކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމަށް އާންމުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އޭގެ ތެރެއިން 26 ބިމަކީ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށްވާއިރު، ބާކީ ބިންތަކަކީ ބީޗް ސައިޑުން ވިއްކާ ބިންތަކެވެ.

އެހެންކަމުން މިއަދު ހ. މީރުމާގޭގެ ފަސްވަނަ ފަންގިފިލާގައި ހެނދުނު 9 އިން މެންދުރު 12 އަށް ބީލަން ހުށަހަޅާފައިވާއިރު، އެ މުއްދަތުގައި 180 މީހުން ވަނީ ބިންތަކަށް ކުރިމަތިލައި ބީލަން ހުށަހަޅާފައެވެ. އެގޮތުން މިއަދު ހުށަހެޅި އަގުތަކުގެ ތެރެއިން އެންމެ ބޮޑު އަގަކަށް ހުށަހަޅާފައިވަނީ އަކަފޫޓަކަށް 9،001ރ އެވެ.

ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހެއެވެ، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގު ހުށަހަޅާ މީހުންނަށް އެކަންޏެވެ

ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރި ކަމުގެ އެކި އެކި މަޝްރޫއުތަކުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބުނެ، އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް ނިންމައި އެކަން އިއުލާން ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ގައެވެ.

އެޗްޑީސީގެ ބިޒްނަސް ޕްލޭންގެ ތެރެއިން، ބިން ވިއްކުމުގެ މައިގަނޑު މަގުސަދަކީ މި ފަދަ މަޝްރޫއުން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިގޮތުން މިފަހަރު ހުޅުވާލި ފުރުސަތުގައި އިސްކަމެއް ދީފައި ވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.