ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓު ސަރަހައްދުގައި އިތުރު ފިހާރައެއް ހުޅުވައިފިއެވެ.

މިކަން އިއުލާނުކޮށް އެޗްޑީސީއިން ބުނީ ހިޔާ ޓަވަރު 16ގައި "އޮލިވް ޓްރީ" ގެ ފިހާރައެއް ހުޅުވާފައިވާ ކަމަށާއި މިއާ އެކު އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ވިޔަފާރި ކުރުމަށް އިތުރު ފަސޭހަތައް ލިބޭނެ ކަމަށެވެ.

އޮލިވް ޓްރީގެ ފިހާރަތައް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވެސް ހުންނައިރު ފޭސް 2 ގައި ހުޅުވިފިހާރައިން ކާބޯތަކެއްޗާއި އާންމު ބޭނުންތަކަށް ބޭނުންވާ ސާމާނު ވިއްކާނެއެވެ.

މީގެ ކުރިން ހިޔާ 12 ވަނަ ޓަވަރުގައި ވަނީ "އެޗްސީޔޫ މާޓު"ގެ ނަމުގައި ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ފިހާރައެއް ހުޅުވާފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގެ އެންމެ ތިރި ހާއްސަ ކޮށްފައިވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އެގޮތުން އެ ތަންތަނުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލައިފައެވެ. މިދިޔަ ހަފްތާގައި ހިޔާ ފްލެޓުގެ 15 ވަނަ ޓަވަރުގައި ވަނީ ސެލޫނެއް ވެސް ހުޅުވައިފައެވެ.