ދެ އަހަރުގެ އަންހެން ދަރިފުޅުގެ ކިޑްނީ ބަލީގެ ފަރުވާއަށް އެއްކޮށްގެން ހުއްޓާ ގެއްލުނު ފައިސާ ލިބިއްޖެއެވެ.

ފުލުހުން ބުނީ، އާއިލާއަކުން ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށް ބޭނުންވާ ގިނަ އަދަދެއްގެ ނަގުދު ފައިސާ ގެއްލިގެން މި މަހުގެ 7 ވަނަ ދުވަހު ހުޅުމާލެ ޕޮލިހަށް މައްސަލަަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ވަނީ ރޭގެ ވަގުތެއްގައި އެ އާއިލާއަށް ރައްދުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ތެދުވެރިކަމާއެކު އެ ފައިސާ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ރައްދުކޮށް ދިން ޓެކްސީ ޑްރައިވަރަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެ އާއިލާއިން ބޭސްފަރުވާއަށް އެއްކޮށްފައި ހުރި ގިނަ އަދަދެއްގެ ނަގުދު ފައިސާ ގެއްލިފައިވާ ކަން އެނގުނީ ވިޔަފާރި ކުރަން ފިހާރައަކަށް ވަދެ ފައިސާ ދައްކަން ވޮލެޓު ހޯދި އިރު އެ ވޮލެޓު ނެތް ކަން އެނގުމުންނެވެ. ވޮލެޓް ގެއްލުނު އިރު އޭގައި 700 ޑޮލަރާއި 300 ރުފިޔާ އަދި ބައެއް ކާޑުތައް ވެސް ހުއްޓެވެ.

ފައިސާތައް ގެއްލުން އިރު، އެ އާއިލާއިން އައީ އަންނަ ހޮނިހިރު ދުވަހު އެ މީހުންގެ ދެ އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބޭހަށް ދާން ތައްޔަރު ވަމުންނެވެ. ނެޕްރޮޓިކް ސިންޑްރޯމްއަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފަރުވާ ހޯދަމުން އަންނަ އެ ކުއްޖާގެ ހާލު ގޯސްވެ، ވީއެންމެ އަވަހަކަށް ބޭރަށް ދާން ޑޮކްޓަރުން ލަފާދީފައި ވާ ދަނޑިވަޅުގައި ފައިސާތައް ގެއްލުމުން އެ ފައިސާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދުނެވެ.