ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް އަޔަން ބޭހުގެ ބޭނުންވާ ޑޯޒަށް ވުރެ ދަށް ޑޯޒްއިން ބޭސް ލިބެން ހުރުމުން ޑޯޒް ހަމަކުރަން އެއްފަހަރާ 20 އަކަށް ގުޅަ ދޭން ޖެހޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ، މި ދައްކާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ނޫން ކަމަށާއި އޭނާގެ އެއް ފިރިހެން ދަރިފުޅަކީ ތެލެސީމިއާ ބަލި ތަހައްމަލު ކުރާ ކުއްޖެއް ކަމަށެވެ.

އެ ކުއްޖާއަށް ދޭ ޓްރީޓްމަންޓަށް ބަލާލާއިރު، މި ބަލީގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 900 އެއްހާ މީހުން ފަދައިން އަޔަން ޗެލޭޝަން ބޭހުގެ މަދުވެގެން ދެ ޑޯޒް ނަގަން ޖެހޭ ކަމަށް ފިރާގް ވިދާޅުވިއެވެ. ނަމަވެސް މިހާރު ބޭސް ލިބެމުންދާ ގޮތުގައި ހުރި ކަންބޮޑުވުން ހިއްސާ ކުރައްވަމުން ފިރާގް ވިދާޅުވީ، އެ ބޭހުގެ ދަށް ޑޯޒްތަކެއް ލިބެން ހުރުމުން އޭނާގެ ދަރިފުޅު 12 ގުޅައާއި 20 ގުޅައާ ދެމެދުގެ ބޭސް ގުޅަ ކޮންމެ ފަހަރަކު ކާން ޖެހޭ ކަމަށެވެ.

އަޔަން ޗެލޭޝަން ތެރަޕީއަކީ ޖެނެޓިކް ބްލަޑް ޑިސްއޯޑާއެއް ކަމަށްވާ ތެލެސީމިއާއަށް އާންމުކޮށް ލޭ އެޅުމާއި އަޔަން އެބްސޯޕްޝަން އިތުރުވުމުގެ ސަބަބުން ދިމާވާ އަޔަން އޯވަލޯޑް މެނޭޖް ކުރުމަށް ވަރަށް މުހިންމު ފަރުވާއެކެވެ. މި ފަރުވާގެ މައިގަނޑު އަމާޒަކީ އަޔަން ކެއުމާއި އަޔަން ބޭރުވުން ބެލެންސްކޮށް، ލޭގައި އަޔަން ޖަމާވެ، ހިތާއި ލިވާ އަދި އެންޑޯކްރައިން ގްލޭންޑް ފަދަ ގުނަވަންތަކަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމެވެ.

މިފަދަ ބޭސްތައް ޜާއްޖެއަށް ގެނައުމުގައި މަސައްކަތް ކުރާ ޕްރޮކިއުމަންޓް ޓީމަށް މި ބަލި ތަހައްމަލު ކުރާ މީހުންނާއި ކުދިންނަށް ބޭނުންވާ ޑޯޒްގެ ލެވެލްތައް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެ ކަމަށް ފިރާގް ވިދާޅުވިއެވެ. މިހާރުގެ ހާލަތުން ދައްކުވައި ދެނީ، ޒިންމާވާ ފަރާތްތަކުގެ މެދުގައި ގާބިލުކަން ވަރަށް ބޮޑަށް ނެތް ކަން ކަމަށް ފިރާގް ވިދާޅުވިއެވެ.

މީގެ އިތުރުން ތެލެސީމިއާ ޕޭޝަންޓުން ހިމެނޭ ގޮތަށް ހަދާފައިވާ ގްރޫޕެއްގައި މިހާރުގެ ހެލްތް މިނިސްޓަރު ވެސް ހިމެނިވަޑައިގަންނަވާ ކަން ފާހަގަ ކުރައްވަމުން ފިރާގް ހިއްސާ ކުރެއްވި ފޮޓޯއަކުން ފެންނަ ގޮތުގައި މިނިސްޓަރު މެސެޖް ބަލައްވާ ނުލައްވާތާ ވެސް މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ގްރޫޕްގައި މިނިސްޓަރު އިންނަވާ އިރު މި މައްސަލަ އާންމުންގެ ކަންބޮޑުވުމަކަށް ވިޔަ ނުދިނުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކަންކަން މުރާޖާކޮށް ފިޔަވަޅުތައް އަޅާނެ ވަގުތެއް މިހާރު ނެތް ކަމަށް ފިރާގް ފާހަގަ ކުރެއްވިއެވެ.

ތެލެސީމިއާ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް އިހުމާލުވަމުން އަންނަ ކަމަށް ބުނެ މީގެ ކުރިން ވެސް ސިއްހީ ދާއިރާ ފެއިލް ވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ. އަދި މި އިހުތިޖާޖުތައް ކުރުމުގެ ކުރިން ރާއްޖެއިން ބޭސް ލިބުމުގެ ހުރި ދަތިކަން ފާހަގަކޮށްފައި ވެސް ގިން ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ކަމަށް ހައްލު ގެނެސް ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލާނެ ކަމަށާއި ވަށާ ޖެހޭ ހައްލެއް މި މަހުގެ 15 އާ ހަމައިން ފެންނާނެ ކަމަށެވެ. ބޭސް ލިބުމުގައި ދަތިކަމެއް ނުލިބުނަސް ފިރާގް މި ފާހަގަ ކުރައްވަނީ ބޭނުންވާ ޑޯޒްގެ ބޭސް ލިބެން ނެތުމުން ގިނަ ގުޅަ ތަކެއް ކާން ޖެހުމުގެ ކަންބޮޑުވުމެވެ.