ސާނަވީ ތައުލީމުން ދެ މާއްދާއިން ދަށްވެގެން "ޑީ" ފާސް އޮތް ނަމަ މަހަކު 30،000 ރުފިޔާ މުސާރައެއް ދޭ ގޮތަށް ދިވެހި ބަހުގެ މިނިސްޓްރީން ވަޒީފާގެ ފުރުސަތު ހުޅުވާލާއި ކުރި އިއުލާން ބާތިލްކޮށްފިއެވެ.
އެ މިނިސްޓްރީން މި އިއުލާންކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު، ވިލަރެސްވެރިން ގެ މަގާމަށް އެކަކު ހޯދުމަށެވެ. މުސާރައިގެ ގޮތުގައި 25،000 ރުފިޔާ އަދި ރިސާޗް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ އެ މަގާމަށް ލިބޭނެ ކަމަށް އެ އިުލާންގައި ބުނެފައި ވާ އިރު މިއީ 2 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ދޭ ވަޒީފާއެއް ކަމަށް ބުނެފައި ވެއެވެ.
މަގާމަށްް ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާ އިން ދަށްވެގެން "ޑީ" ގްރޭޑު ލިބިފައިވުމާ އެކު، ސެކަންޑަރީ ސްކޫލު ނުވަތަ ހަޔާ ސެކަންޑަރީ ސެޓްފިކެޓު އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމެވެ. އަދި ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިވުމާ އެކު، މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި ވަޒީފާއަށް އެދޭ ފަރާތަކީ 35 އަހަރުން ދަށުގެ މީހަކަށް ވުމަށް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނާފައި ވެއެވެ.
މި އިއުލާނާއެކު އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އެ މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.ލ ދިރާސާކުރުން ފަދަ މަސައްކަތްތަކެއް ކުރުމުގެ މަސައްކަތަށް ވަޒީފާގެ އިއުލާން ކޯށްފައިވާ އިރު، އެހާ ދަށް ގްރޭޑަކުން ފާސްވެފައިވާ ފަރާތަކަށް 30،000 ގެ މުސާރައެއް ކަނޑައަޅާފައި އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެެވެ. މި ފަދައިން ކަންކޮށްފައި ވަނީ ވަކި މީހަކަށް ވަޒީފާ ދިނުމުގެ ނިޔަތުގައި ކަމަށް ވެސް ބުނެ އާންމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މިއާއެކު މިއަދު މެންދުރު ފަހު 1:22 ގައި ވަނީ އެ އިއުލާން ބާތިލްކޮށްފައެވެ.