މާލެ ސަރަހައްދުގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ އެލްސިއޯން ބޭކަރީގެ ޕާނަކުން ދިރޭ ކުރަތްޕެއް ފެނިއްޖެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގިނަ އުސޫލުތަކެއް ވެސް ކަނޑައަޅައިފައި ހުރި ނަމަވެސް އެ އުސޫލުތަކަށް ތަބާވެ، މިންގަނޑުތަކަށް ފައްތައިގެން ހިންގާ ކެފޭ ހޮޓާތަކާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން ދަނީ މަދުވެ، ހުއްދަ ނުނަގާ ކާބޯތަކެތި ވިއްކާ ތަންތަނާއި ސާފު ތާހިރުކަން ކުޑަ ކެފޭތަކާއި ކާބޯ ތަކެތި ތައްޔާރު ކުރާ ތަންތަން މިހާރު މާލޭގައި އެތައް ގުނައެއް މިވަނީ އިތުރުވެފައެވެ.

އެގޮތުން މިއަދު ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނިގެން މިދަނީ ހަމަ އެފަދަ ސާފުތާހިރުކަން ކުޑަ އަމަލެއްގެ ސަބަބުން ހިނގާފައިވާ ކަމެކެވެ. މިއަދު މެންދުރުފަހު މީހަކު ފޭސްބުކަށް ދޫކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ ސީލް ކޮށްފައިވާ ޕާނެއްގައި ބައި އިންޗިއެއް ވަރުގެ ކުރަތްޕެއް ދުވެ ދުވެ އޮތް މަންޒަރެވެ.

އެ ޕާނުގައިވާ މައުލޫމާތުން ފެނިގެންދަނީ އެއީ މިމަހުގެ 3 ވަނަ ދުވަހު އުފައްދާފައިވާ ޕާނެކެވެ. އަދި ޕާނުގެ މުއްދަތު ހަމަވާ ތާރީހަކަށް އިނީ މި މަހުގެ 7 ވަނަ ދުވަހެވެ. މި ވީޑިއޯ އާންމު ވުމާއެކު ބައެއް ފަރާތްތަކުން ދަނީ ކަމާ ގުޅުން ހުރި އިދާރާތަކުގެ ޒިންމާ އާއި މަސްއޫލިއްޔަތު ރަނގަޅަށް އަދާ ކުރެވޭ ކަމާމެދު ސުވާލު އުފައްދަމުންނެވެ.

އެގޮތުން އެ ވީޑިއޯއަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދާ މެދު ސުވާލު އުފައްދާފައެވެ. އަދި މިފަދައިން ދިމާވަނީ ކާބޯތަކެތި ތައްޔާރު ކުރުމަށް ސާފު ތާހިރުކަން ކުޑަ ބިދޭސީން އެކަމުގައި ހަރަކާތްތެރިވާތީ ކަމަށް ވެސް އިތުރު މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވެއެވެ.

ކާބޯތަކެތި ތައްޔާރު ކުރާ ކެފޭތަކާއި ތަންތަނުގެ ހާލަތު ބެލުމަށް އިދާރާތަކުން ދޭތެރެ ދޭތެރެއިން އިންސްޕެކްޝަންތައް ހިންގައެވެ. އަދި އެފަދަ ސާފުތާހިރު ކުޑަ ތަންތަނަށް ނޯޓިސް ދީ ފިޔަވަޅު އަޅާފައި ވެސް ވެއެވެ.