ހ. ފެންޓެނޯއާ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި މައްޗަށް ވާ ގޮތަށް ހުންނަ ދެ ދޮރުގެ ފެންލައިޓަކުން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު ހާދިސާގެ ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި 4:51 ގެ ފަހުން އެ އަންހެން މީހާއެއް ނުފެނެއެވެ.
މިދިޔަ ހުކުރު ފުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އިމާރާތުން ވެއްޓިފައި ވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ކ. މާލެ، ގ. ރަނައުރާގެއާގެއެވެ. އޭނާއާއެކު އެ އިމާރާތަށް ވަދެ އުޅުނީ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް، ގ އެރިޔަދު އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސީސީޓީވީ ފުލުހުން އާންމުކޮށްފައިވާ އިރު، އެންމެ ފުރަތަމަ ދައްކާފައި ވަނީ މަގުމަތީ ހުރި ކެމެރާއަކުން ނަގާފައިވާ ފުޓޭޖެކެވެ. އެ ފުޓޭޖުގައި 4:30 ހާއިރު ހ. ފެންޓެނޯއާ ގޭގެ ދޮރު ކައިރިއަށް ޔުމްނު ވަދެއެވެ. އެގެއަށް އޭނާ ވަންނަން އުޅޭ ވަގުތު ޔުމްނު ބިންމައްޗަށް ވެއްޓެއެވެ. އަދި އެތަނުގައި ޔުމްނު ފިލައި ހުންނަ މަންޒަރު ފެނެއެވެ.
ދެން ފެންނަނީ ރައުދު އަށް ޔުމްނު ނުފެނިގެން އުޅޭ މަންޒަރެވެ. އެވަގުތު އެތަނަށް އައިސް މަޑުކޮށްލާ ސައިކަލެއް ކައިރިއަށް ރައުދު ދުވެފައިދާ މަންޒަރު ފެނެއެވެ. އެމީހާއަކީ ތަންކޮޅެއް ދުރުން މަންޒަރު ބަލަން ހުރި މީހެއް ކަން ތަހުގީގަށް ފާހަގަވެފައިވާ ކަަމަށް ފުލުހުން ބުނެއެވެ.
އެއަށްފަހު ޔުމްނު އެގެއިން ނިކުމެ ތަންކޮޅަަށް ހިނގާފައި ގޮސް ރައުދަށް ގޮވާލައެވެ. އަދި އަނބުރާ ފެންޓެނޯއާ ގެއަށް ވަންނަން ދާ މަންޒަރު ފެނެއެވެ. އެވަގުތު ރައުދު ފަސް އެނބުރި ޔުމްނު ފެނިގެން އޭނާގެ ފަހަތުން ދުވެފައި ގޮސް އެ އިމާރާތަށް ވަދެއެވެ.
ދެން ފުލުހުން ދައްކަނީ އޭގެގެ ސިޑިމަތި ފެންނަ ގޮތަށް ހުންނަ ފުޓޭޖްތަކެކެވެ. ސިޑިމަތީގައި އެމީހުން އުޅޭ ފުޓޭޖްތަކުން ފުލުހުން ދައްކަނީ 4:33 އިން ފެށިގެންނެވެ. ސިޑި މަތިން އެކި ފަހަރު މަތިން އެމީހުން އަރާ ފައިބެ ސަކަރާތްޖަހާ މަންޒަރު ފެނެއެވެ. އަދި އެމީހުން ގައިގޯޅިވެގެން އުޅޭ މަންޒަރު ވެސް ސެންސަރުކޮށްގެން ފުލުހުން ދައްކާފައި ވެއެވެ. މީގެން ބައެއް މަންޒަރުތަކުގެ ގަޑިތައް ފުޓޭޖަކުން ނުފެނެއެވެ. އަދި އެ ދެ މީހުން އެކުގައި ގޮސް 7 ވަނަ ފްލޯގެ އެޕާޓްމަންޓުގެ ދޮރުގައި ޖެހގަންނަ އަޑު ވެސް އިވެއެވެ. އެ ދޮރަކީ އެމީހުން ސިޑީމަތީގައި އުޅޭ އިރު އެކި ފަހަރު މަތިން ޓަކި ޖަހާ ދޮރެވެ.
ފުލުހުން ބުނީ އެތަނުން އެއްވެސް އެޕާޓްމަންޓަކަށް އެމީހުން ނުވަންނަ ކަމަށާއި އެތަނުގައި އިށީނދެގެން 4 ވަރަކަށް މިނެޓް އެމީހުން ތިބޭ އިރު ބަދުއަހްލާގީ އަމަލު ހިންގާ ކަމަށެވެ. އެތަނުން އެމީހުން ތެދުވެގެން ދާއިރު ބިން މަތީގައި ޔުމްނު ހަށިގަނޑުން ބޭލި ޓީޝާޓް އޮވެއެވެ. އަދި އެހިސާބުން ރައުދު އޭނާ ލައިގެން ހުރި ޓީޝާޓް ބަލާފައި ޔުމްނުއަށް ދެއެވެ.
ގަޑިން 4:49 ގައި ރައުދު ދޭ ޓީޝާޓް ޔުމްނު ގަޔަށް މަހާލާ މަންޒަރު ވެސް ސެންސަރުކޮށްގެން ފުލުހުން ދައްކައެވެ. އޭގެ ފަހުން ރައުދު ހުންނަނީ ހަމައެކަނި ސޯޓެއް ލައިގެން މަތިން ހުސް ގަޔާއެވެ. 4:50 ހާއިރު ޔުމްނު އެޕާޓްމަންޓެއްގެ ދޮރުގެ ތަޅުގައި ހިފާ ތަން ފެނެއެވެ. ނަމަވެސް އޭނާގެ ހަރަކާތުން އެއްވެސް ހާސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. އޭނާ ސިޑިން މައްޗަށް އަރާ ތަން ދެން ފެންނަނީ 4:51 ގައެވެ. އެ ފަހުން ޔުމްނު އެއް ނުފެނެއެވެ.
ދެން އެއަށްފަހު 7 ވަނަ ފްލޯގައި ހުރި އެޕާޓްމަންޓްގެ ދޮރުގައި ރައުދު ހިފާ މަންޒަރު ފެންނަ އިރު އޭނާ އެތާ މަޑުކޮށްގެން ހުރެ ލައިގެން ހުރި ސޯޓުގެ ޖީބުން ފޯނު ނަގާ އޭގެ ޑިސްޕްލޭއަށް ބަލާލާފައި ފޯނު އަނބުރާ ޖީބަށް ލައެވެ. އެއަށް ފަހު 7 ވަނަ ފްލޯގެ އެޕާޓްމަންޓް ދޮރުގައި ތެޅުމަށް ފަހު އަނެއްކާ ސިޑިން މައްޗަށް ރައުދު އަރައެވެ. 4:52 ހާއިރު ރައުދު ލިފްޓަށް އަރަން އުޅެފައި އެއްޗެއް ވެއްޓި ޖެހޭ އަޑު އިވިގެން ސިޑިން މައްޗަށް އަރަނީ ކަމަށް ފުލުހުން ބުނެއެވެ. އެ އަޑު އިވޭ ކަމަށް ފުލުހުން ބުނާ ވަގުތު ފުޓޭޖުން އިވެނީ އެގޭގެ އެލާމް ސިސްޓަމްގެ އަޑެވެ.
4:53 އިން ފެށިގެން ޔުމްނު ހޯދަން ރައުދު މަސައްކަތް ކުރެއެވެ. ސިޑިން އަރާ ފޭބުމާއި ލިފްޓަށް އަރާ ފައިބާ މަންޒަރު ފެނެއެވެ. އެގޮތުން 4:54 ގައި އޭނާ ލިފްޓަށް އަރައެވެ. 4:57 ގައި ރައުދު ސިޑި ގޮޅީގައި ހުރި ފެންލައިޓަކުން ބޭރު ބަލައެވެ. އަދި 5:05 ގައި ލިފްޓުން އޭނާ 8 ވަނަ ފަންގިފިލާއަށް އަރާ ސިޑި ގޮޅީގައި ހުރި ފެންލައިޓުން ބޭރު ބަލާ "ޔުމްނޫ" އޭ ކިޔާ ގޮވާ އަޑު ވެސް އިވެއެވެ.
ޔުމްނު ނުފެނިގެން ރައުދު އެކި ފަހަރު މަތިން ސިޑިން އަރާ ފައިބާ ތަން ފެންނަ އިރު އޭނާ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައި ޓަކި ޖަހާ މަންޒަރު ވެސް ފެނެއެވެ. މީގެ އިތުރުން ފުލުހުން ދެއްކި މަގުމަތީގެ ފުޓޭޖެއްގައި 5:12 ހާއިރު ރައުދު މަގުމަތީގައި ހުންނަ މަންޒަރު ވެސް ފެނެއެވެ. އެ ވަގުތު ސައިކަލުތައް ޕާކްކޮށްފައި ހުރި ދިމާލަށް ގޮސް އިމާރާތުގެ މައްޗަށް ބަލާ މީހަކަށް ގޮވާ ހެން އޭނާގެ ހަރަކާތްތައް ހުންނަ ކަން ފާހަގަ ވެއެވެ. އެއަށްފަހު އޭނާ މަގުމަތީގައި ވެސް ޔުމްނު ހޯދަން އުޅެފައި އަނބުރާ އެ އިމާރާތަށް ވަންނަނީ 5:16 ގައެވެ.
އެއަށްފަހު ސިޑި މަތީގައި ރައުދު އުޅެއެވެ. ގަޑިން 5:17 ހާއިރު އެގޭ ސިޑިގޮޅި ތެރޭ ހުރި ފެންލައިޓުގައި ހިފާ ހަށިގަނޑު އުފުލާލާ ބޭރު ބަލަން ވެސް އޭނާ މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އޭގެ ފަހުން އަނެއްކާ އޭނާ މަގުމައްޗަށް ނިކުމެފައި ވަނީ 5:20 ގައެވެ. އެއަށްފަހު ރައުދު އެ ސީން އިން ދާ މަންޒަރު ފެނެއެވެ.
އެމީހުން އެ ފްލޯތަކުގައި އުޅޭ އިރު އެގޭގައި ހަރުކޮށްފައިވާ ސެކިއުރިޓީ ސިސްޓަމުން ދޭތެރެ ދޭތެރެއިން އެލާމް އަޅައެވެ. ނަމަވެސް އެއިން އެއްވެސް އެލާމްގެ އަޑަކަށް އެއިން އެޕާޓްމަންޓަކުން މީހަކު ނިކުމެ ބަލާފައެއް ނުވެއެވެ. މި އެލާމްގެ ސަބަބުން އެމީހުން ޖެހުލުން ވެގެން އުޅޭ ކަން މި ފުޓޭޖްތަކަކުން ނުފެނެއެވެ.
ފެންޓެނޯއާއަށް އެ ދެމީހުން ވަންނަނީ 4:30 ގައި ކަމަށް ފުލުހުން ބުންޏަސް އެ ސީސީޓީވީ ފުޓޭޖްގައި ވަގުތު ފެންނާކަށް ނެތެވެ. ހަމައެއާއެކު އެ އިމާރާތުގައި އެމީހުން ބަދުއަހްލާގީ އަމަލު ހިންގާ ކަމަށް ދައްކާ ފުޓޭޖުގައި ވެސް އަދި 7 ވަނަ ފްލޯގެ އެޕާޓްމަންޓް ކައިރީ ރައުދު ހުއްޓި ހުރެ ފޯނު ބަލާ ފުޓޭޖުގައި ވެސް ގަޑި ފެންނާކަށް ނެތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔުމްނު ގެއްލިގެން ހޯޑާ ވަގުތު ވެސް 7 ވަނަ ފަންގިފިލާގެ އެޕާޓްމަންޓްގައި ރައުދު ވަރަށް ގިނައިން ޓަކި ޖަހައެވެ. އެ އެޕާޓްމަންޓް ދޮރުގައި ޔުމްނު ވެސް ޓަކި ޖަހާތަން ފެނިފައި ވެއެވެ. އަދި އެ ދެމީހުން އެކުގައި ގޮސް އެ އެޕާޓްމަންޓް ދޮރު ކައިރީ ނިވާ ވާއިރު، ދޮރުގައި ޖެހިގަންނަ ނުވަތަ ދޮރު ލައްޕާލާ ޒާތުގެ އަޑެއް ވެސް އިވެއެވެ.
މި މަންޒަރު ފެންނަނީ 7 ވަނަ ފްލޯއިން ވިޔަސް މި ފުޓޭޖުގައި ގަޑި ފެންނާކަށް ނެތެވެ. ނަމަވެސް ފުލުހުން ބުނީ އެ ދެމީހުން އެ އިމާރާތުގެ އެއްވެސް އެޕާޓްމަންޓަކަށް ވަދެފައި ނުވާ ކަަމަށެވެ. އެއްވެސް އެޕާޓްމަންޓެއްގެ ދޮރު ވެސް ނުހުޅުވާ ކަމަށެވެ.
. ވީޑިއޯއިން ފެންނަ ފެނުމުގައި އެއިމާރާތުގެ އެޕާޓްމަންޓްއަކަށް އެއެއަންހެން ކުއްޖާ ނުވަދެވިގެން އުޅޭކަމަށް ފެނޭ. މިފެންނަށް ކުޑަދޮރުން ނުކުމެ ސްލައިޑިން ދޮރު ހުޅުވައިގެން ވަފެވޭތޯ މަސައްކަތް ކުރި ކަމަށް ވުން ވެސް އެކަށީގެންވޭ.