ހުޅުމާލޭ ބީޗް ފްރަންޓުން 26 ބިމެއް ވިއްކާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބީލަމަށް ހުޅުވާލި ފުރުސަތުގައި ބީޗް ފްރަންޓުން ބިމެއް ގަންނަން މީހަކު އަކަފޫޓަކަށް 10 މިލިއަން ރުފިޔާ މިއަދު ހުށައަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަގު ހުށައަޅި ފަރާތުން ބީލަން ކުރިއަށްދިޔަ މާލަމަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންނަމަވެސް ހުރިހާ ޝަރުތަކާއި ލިޔެކިޔުންތައް ހަމަވާތީ އެޗްޑީސީގެ އޮފިޝަލުން ނިންމީ އޭނާގެ ބިޑު ބަލައިގަތުމަށެވެ.

އެޗްޑީސީން މި ބީލަށް ކުރިއަށް ގެންގޮސްފާ ވަނީ މިއަދު ހެނދުނު 10 އިން މެންދުރު 12 އަށެވެ. އެ ބިޑަށް ގިނަބަޔަކު އަކަފޫޓެއް 4000 އަދި 5000 އަށް ހުށައެޅިއިރު 10 މިލިއަނާ އެންމެ ގާތްކުރާ އަގަކަށްވެސް ބިޑް ހުށައަޅައިފާ ވަނީ 10،000 ރުފިޔާއެވެ. އަދި އެ ބިޑް ކާމިޔާބުކުރި ފަރާތުން އެންމެ ކުޑަ ޕްލޮޓުގެ ސައިޒުން ބެލި ކަމުގައިވީ ނަމަވެސް 16 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ވިއްކުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ތެރެއިން 60 ގޯތި ވިއްކަން ހުޅުވާލީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ ސައިޒުގެ ބިން ތަކެކެވެ.

ބީޗު ފްރޮންޓުން ވިއްކާ 26 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،900 ރުފިޔާ އިންނެވެ. އަދި މި ބިންތައް ވިއްކަން ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގު ހުށަހަޅާ 26 ފަރާތަކަށެވެ. ދެން އެންމެ މަތިން އަގު ހުށަހަޅާ ފަސް މީހަކު ވެއިޓްލިސްޓު ކުރެވޭނެ ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.