ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭގެ ރަށްވެހިންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ސަރަހައްދުގެ 26 ބިމަކަށް 211 މީހުން ކުރިމަތިލާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
މިދިޔަ ޑިސެމްބަރުގެ 27 ގައި އެޗްޑީސީން ވަނީ ބީލަމުގެ އުސޫލުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް އިއުލާނު ކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމަށް އާންމުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ
އޭގެ ތެރެއިން 26 ބިމެއްގެ ބީލަން މިއަދު ބަލައިގެންފައި ވާއިރު، ކޮންމެ ބިމެއްގެވެސް އަގު ފެށެނީ އަކަފޫޓެއް 3،900ރ. އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގުވެސް 6.2 މިލިއަން ރުފިޔާ ޖެހެއެވެ. ބީޗު ސަރަހައްދުން ވިއްކާ 34 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،500ރ. އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގުވެސް 5.6 މިލިއަން ރުފިޔާ ޖެހެއެވެ.
އެހެން ނަމަވެސް، އަގުތައް ބޮޑުކަމަށް ބުނެ، އާންމުންގެ ގިނަ ބަޔަކު އެޗްޑީސީއަށް ފާޑު ކިޔާފައިވާއިރު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.
އެ ބިންތަކަށް ބީލަން ހުށަހަޅަން ހުޅުވާލާފައިވަނީ މިއަދު ހެނދުނު 9 އިން ފެށިގެން މެންދުރު 12 އަށެވެ. އަދި ބީލަން ކެނޑުން އޮންނާނީ މިއަދު މެންދުރު 1 އިން ފެށިގެންނެވެ. މިވަގުތު ބީލަން ކަނޑަމުންދާއިރު، އެ ކަންތައްތައް ކުރިއަށް ދަނީ ހ. މީރުމާގޭގެ ފަސްވަނަ ފަންގިފިލާގައެވެ.
އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގު ހުށަހަޅާ މީހުންނަށް އެކަންޏެވެ.
މިއަދު އެޗްޑީސީން ބަލައިގަތް 26 ބިމުގެ ބީލަމަށް ފަހު، ބާކީ ހުރި ބިންތަކުގެ ބީލަން ހުޅުވާލާނީ މި މަހުގެ 16 ގައެވެ. ނަމަވެސް ބީލަން ހުޅުވުން ބާއްވާނެ ތަނެއް އަދި ނިންމާފައި ނުވެއެވެ.
ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރި ކަމުގެ އެކި އެކި މަޝްރޫއުތަކުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބުނެ، އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް ނިންމައި އެކަން އިއުލާން ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ގައެވެ.
އެޗްޑީސީގެ ބިޒްނަސް ޕްލޭންގެ ތެރެއިން، ބިން ވިއްކުމުގެ މައިގަނޑު މަގުސަދަކީ މި ފަދަ މަޝްރޫއުން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިގޮތުން މިފަހަރު ހުޅުވާލި ފުރުސަތުގައި އިސްކަމެއް ދީފައި ވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.