ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރުވައިފިއެވެ.

މި އިއްޒަތް ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް އެރުވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނީ މި އިއްޒަތް އެރުވީ ދިވެހިރާއްޖެއާއި ރާބިތަތުލް އާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށާއި ދުނިޔޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރެއްވުމަށް، ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ އައްސުލްތާން އިބްރާހީމް ކަލާފާނަށެވެ. މިއީ މީލާދީން 1585ން ފެށިގެން 1609 އަށް ރާއްޖޭގައި ރަސްކަންކުރެއްވި ބޭފުޅެކެވެ.