ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި ހާއްސަ މަރުކަޒުތަކެއް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ނިންމެވުމާއެކު، ޅި ޖުމްލަ 18 ސަރުކާރުގެ ހިދުމާތު މަރުކަޒު އުފައްދާފައިވާކަމަށާއި، އަދި މިތަންތަން ހިންގަމުންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީގެ ދަށުންކަމަށެވެ.
ރައީސް އޮފީހުން ބުނީ މި މަރުކަޒުތައް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ މަތިން، ގައުމީ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ތަފާތު ހިދުމަތްތައް "އިންޓަގްރޭޓަޑް ސާވިސް ސެންޓަރު" ތަކެއް މެދުވެރިކޮށް، އަތޮޅު ފެންވަރުގައި ލުއިފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ.
އެގޮތުން އުފެއްދި ސަރުކާރު ހިދުމަތުގެ މަރުކަޒުތަކަކީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، އަދި ގދ މަރުކަޒެވެ.
މި ނިންމުމުގެ ސަބަބުން ކުރިން އަތޮޅުތަކުގެ ރައްޔިތުން މާލެއަށް އައިސްގެން ހޯދަންޖެހޭ ސަރުކާރުގެ ތަފާތު ހިދުމަތްތައް (އިމިގްރޭޝަން، ކޯޕަރޭޓް، ޓެކްނޮލޮޖީ އަދި އިދާރީ އެކި ހިދުމަތްތައް) އަތޮޅު ފެންވަރުގައި އެއް މަރުކަޒަކުން ލިބި، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
