ރާބިތަތުލް އާލަމިލް އިސްލާމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ މުހައްމަދު ބިން އަބްދުލްކަރީމް އަލްއީސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޑރ އަލްއީސާއަށް މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު ހަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ކަމަށެވެ.

ޑރ. އަލްއީސާގެ މި ދަތުރުގައި، ރައީސް ސޯލިހާއި، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ އަހްމަދު ޒާހިރާއި، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްއާ ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިޠަތުލް އާލަމިލް އިސްލާމިއްޔާއަކީ ސައޫދީ އަރަބިއްޔާގެ މައްކާގައި 1962 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.

މި ޖަމްއިއްޔާއަކީ އިސްލާމްދީނުގެ ހަގީގީ އަދި މެދުމިނުގެ އުސޫލުތައް ސާފުކޮށްދީ، ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ ރާއްޖޭގައި ވެސް އެޖަމްއިއްޔާގެ ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.