ސައުދީ އަރަބިއްޔާގެ އަބްހާ، ހަމީސް މުޝައިތު، ޖާޒާން އަދި ނަޖްރާންގެ އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދިން ނިރުބަވެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ކުށެއްނެތް އާންމު ރައްޔިތުންނަށް އަނިޔާވި މި ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގްލާލަށް އަރައިގަތުމުގެ ގޮތުން ދީފައިވާ ފާޅުކަން ބޮޑު ހަމަލާއެއް ކަމަށާއި، މިފަދަ އަމަލުތަކަކީ މުޅި ސަރަޙައްދުގެ ސުލްހައާއި، އަމަންއަމާންކަމާއި، ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާ އެކުގައި ކަން މި ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
އަދި ސައުދީ އަރަބިއްޔާގެ ސިޔާދަތާއި، ސަލާމަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބަޔާންކޮށްފައެވެ.
ބައެއް ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން އެ ހަމަލާގައި އާންމުންގެ 73 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު، ހަމަލާތައް އަމާޒުކުރި ބައެއް މަރުކަޒުތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ހޫތީން މި ހަމަލާތައް ދީފައިވަނީ ސައުދީ އަރަބިއްޔާއާއި ދެކޮޅަށް ފުޅާ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެކަން އިއުލާނު ކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.
