އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވާ ނިންމުމެއް ހައިކޯޓުން ބަލަން ސުޕްރީމް ކޯޓުން އަންގައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅޭނެއެވެ. ނަމަވެސް މިފްކޯގެ މައުލޫމާތުތަކެއް ހާމަކުރަން އައިކޮމް އިން އެންގި މައްސަލައެއްގައި، ހައިކޯޓުން ނިންމާފައި އޮތީ އެ ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

މިދިޔަ އަހަރު ހައިކޯޓުން ވަނީ އެމްޑަބްލިއުއެސްސީގެ މައުލޫމާތުތަކެއް ހާމަކުރަން އެންގި މައްސަލައެއްވެސް އިސްތިއުނާފުކުރަން ހުށަހެޅުމުން ބޭރުކޮށްލާފައެވެ. އެހެންވެ، އެ މައްސަލައަށް ރިއާޔަތް ކުރުމަށްފަހު، މިފްކޯގެ މައުލޫމާތުތަކެއް ހާމަކުރަން އައިކޮމް އިން މިދިޔަ އަހަރު އެންގި އެންގުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނުބެލުމަށް ހައިކޯޓުން ވަނީ އޭރު ނިންމާފައެވެ.

މިފްކޯއިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ ހޯމަ ދުވަހު އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ، އައިކޮމްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލަތައް ހައިކޯޓަށް ހުށަހެޅޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮތުމުން، މިފްކޯއިން ހުށަހެޅި މައްސަލަ 10 ދުވަހުގެތެރޭ އަލުން ހުށަހަޅައިފި ނަމަ ހައިކޯޓުން އެ މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.