އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅުއްވުމާ ގުޅިގެން އެ ނަން ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައިފި އެވެ.
ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުލްޣަނީ އައްޔަން ކުރަން ޖޭއެސްސީ އިން ލަފާދެއްވާފައި ވާތީ އޭނާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމާއިމެދު މަޖިލީހުން ގޮތެއް ނިންމަވާ އެކަން އަންގަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެއާއެކު މަޖިލިހަށް އެ ނަން އިއްވެވުމަށް ފަހު، ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވިކަން މަޖިލިހުގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާން ކުރައްވާފައެވެ. ޣަނީގެ އިތުރުން ދެން އެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.
ޣަނީ އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖޭއެސްސީން ނިންމާފައިވަނީ މި 3 ބޭފުޅުންނާ ކުރި އިންޓަވިއު އިން "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތީ ޣަނީއަށް ކަމުގައި ވުމުންނެވެ.
އޭނާއަކީ ގިނަ އަހަރުތަކެއް ވަންދެން ޖުޑީޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވާއިރު އޭނާ ވަނީ މަދަނީ ކޯޓުގެ ގާޒީ ކަމަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އަދި ގަނީ ވަނީ ކުރިން ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންކަމުން މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދަށް ވަނީ ހަވާލުކޮށްފައެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަމެއް މަޖިލީހުން ފާސްކުރުމަށްފަހުއެވެ.