ހޯމަ ދުވަހުން ފެށިގެން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވާކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާން ކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާވެވަޑައިގަތުމަށް މުއުތަސިމް އަދުނާން ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން މިއަދު ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ނިންމީ އަންނަ ހޯމަ ދުވަހު ޝަރަފުވެރިކަމާއެކު އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށް އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވާ ގޮތަށެވެ.

އެހެންކަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ދެން ނިކުމެވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި ހޯމަ ދުވަހުން ފެށިގެން ރިޓަޔާ ވާނެއެވެ.

ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ބައިމިލިއަން ރުފިޔާ ގަނޑުކޮށް ދިނުމާއެކު، މަހަކު 70 ހާސް ރުފިޔާގެ އިތުރު އިނާޔަތެއް ދިނުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިއެވެ.

އެގޮތުން ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ހިމަނާފައިވާއިރު މުއުތަސިމްއަށް މިހާރު ގަޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600 ރުފިޔާއެވެ. އެކަމާ ގުޅޭ ގޮތުން އޭރު ކޮމިޓީން ނިންމީ ޕޭ ކޮމިޝަނުން ވަކި ގޮތެއް ނިންމުމަށެވެ. އެ ކަމުގައި ޕޭ ކޮމިޝަނުން ވަކި ގޮތެއް ނިންމާފައި ނުވެއެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގައެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ.