ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއަށް ހަވާލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
މިގޮތަށް ޖޭއެސްސީން ނިންމާފައި ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަދުވަހު ރިޓަޔާކުރައްވުމަށް ނިންމެވުމާ ގުޅިގެންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާވެވަޑައިގަތުމަށް މުއުތަސިމް އަދުނާން ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން މިއަދު ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ނިންމީ އަންނަ ހޯމަ ދުވަހު ޝަރަފުވެރިކަމާއެކު އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށް އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވާ ގޮތަށެވެ.
އެހެންކަމުން އެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ދެން ހަމީދަށް ސުޕްރީމް ކޯޓުގެ ހިންގުން ހަވާލު ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމުގެ ތެރެއިން އެއް މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރީ މިދިޔަ މަހުގައެވެ. އެ ދެ މަގާމު ސުޕްރީމް ކޯޓުން ހުސްވީ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
އަލްއުސްތާޒު އަބްދުﷲ ހަމީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިސްކުރެއްވީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.