އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން މިއަދު މަޖިލީހުން ރުހުން ދީފިއެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޣަނީގެ އިތުރުން ދެން އެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.
ޣަނީ އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖޭއެސްސީން ނިންމާފައިވަނީ މި 3 ބޭފުޅުންނާ ކުރި އިންޓަވިއު އިން "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތީ ޣަނީއަށް ކަމުގައި ވުމުންނެވެ.
މި މަގާމަށް ޣަނީއަށް ރުހުން ދިނުމަށް ފެންނަ ކަމަށް މަޖިލީހުގެ 62 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޣަނީ އަކީ ގިނަ އަހަރުތަކެއް ވަންދެން ޖުޑީޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވާއިރު އޭނާ ވަނީ މަދަނީ ކޯޓުގެ ގާޒީ ކަމަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އަދި ޣަނީ ވަނީ ކުރިން ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންކަމުން މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދަށް ވަނީ ހަވާލުކޮށްފައެވެ.