ދުނިޔޭގެ އެންމެ މަޝްރޫއު ސްޕީޑް ޓެސްޓު ހަދާ ކުންފުނި ކަމަށްވާ "އޫކްލާއިން" ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް ދީފިއެވެ.
އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކައިގޮތުގައި ދިރާގުން ވަނީ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ. މި އެވޯޑްއަކީ ދިރާގުން ރައްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށް 'ޑިޖިޓަލް ރާއްޖެ“ އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ ހެއްކެކެވެ.
އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވީ، ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވޯކް އޮޕަރޭޓަރުންގެ ތެރެއިން ހޮވާލެވޭ އެލީޓް ޑެލިގޭޝަންސް ކަމުގައި އާއި އަދި މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓެއް ލީޑްކޮށް ނަގާ ކިޔޭވަރުގެ އިންޓަނެޓް ހިދުމަތެއް ފޯރުކޮށްދެމުންދާ ފަރާތްތަކެއް ކަމަށެވެ. އެގޮތުން ދިރާގުން ވަނީ މިދިޔަ އަހަރުގެ ތިން ވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ވަރުގަދަ ޕާފޯމަންސްއެއް ދައްކުވައިދީ އަދި ކަސްޓަމަރުން ހަދާފައިވާ ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިން ވެސް ލީޑް ނަގާފައެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، އޫކްލާ ފަދަ ބައިނަލް އަގްވާމީ މިނިވަން މުއައްސަސާއަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު ޝަރަފެއް ކަމަށާއި އަދި ދިރާގު ގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއް ކަމަށެވެ. މިއީ ދިރާގުގެ ހީވާގި މުވައްޒިފުން ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރައްވައި މުވައްޒަފުންނަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ކަސްޓަމަރުން ދިރާގަށް ކުރައްވާ އިތުބާރާ ދިރާގުގެ ހިދުމަތްތަކަށް ދެއްވާ ތަރުޙިބަށް ޝުކުރު ދެންނެވިއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް 100 އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށް ދީފައެވެ.