ރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ސްޓްރޯކެއް ޖެހިގެން މިއަދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިލްވާނަށް ސްޓްރޯކެއް ޖެހުނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭނާ އަވަހާރަވީ އޭގެ ފަހުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިލްވާން އަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން، އޭވިއޭޝަން، އަދި މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެނޭޖްމަންޓްގެ ދާއިރާއިން އޮސްޓްރޭލިއާގެ މެލްބަންގެ އާރުއެމްއައިޓީ ޔުނިވާސިޓީން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.
ރިލްވާން ދިރާގާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ އެ ކުންފުނި އުފެދުނު އަހަރު ކަމަށްވާ 1988 ވަނަ އަހަރުއެވެ. އަދި އެ ކުންފުނީގެ ބޯޑުގައި ވެސް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު، ދިރާގުގެ ޗެއާމަންކަމުގެ މަގާމު ފުރުއްވާފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.
ރިލްވާން އަވަހާރަވުމާ ގުޅިގެން ދިރާގުން "އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި، ރިލްވާން ފާހަގަކުރެއްވީ ކުންފުނީގެ ކުރިއެރުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި، އަދި ގައުމަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި އޭނާގެ އާއިލާއަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.
ރިލްވާން ވަނީ ދިރާގުގެ އިތުރުން ރާއްޖޭގެ މުއާސަލާތީ ދާއިރާ ހިންގާ މައި އިދާރާ ކަމަށްވާ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުންނާއި، ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
