ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން މި އަހަރު ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ޔޮޓް ރެލީގެ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެމްއައިޓީޑީސީން "ސަވާދީއްތަ ދަތުރު"ގެ ނަމުގައި ބާއްވާ ޔޮޓް ރެލީގެ ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވަނީ މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި އެމްއައިޓީޑީސީގެ ފަރާތުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ސޮއިކުރެއްވިއިރު، ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ.

ތިން ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ރެލީގައި، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރާނެއެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށެއް ހިމެނެއެވެ.

"ސަވާދީއްތަ ދަތުރު"ގެ ދަށުން ރެލީގެ ބައިވެރިން ދާ ރަށްރަށާއި ތަންތަން

  • ހއ. އަތޮޅު:

    • އުލިގަން
    • ހޯރަފުށި
    • މަތީރަށް
    • ގައްލަންދޫ
    • އިހަވަންދޫ
    • ތަކަންދޫ
    • އުތީމު
    • ބާރަށް
  • ހދ. އަތޮޅު:

    • ނޮޅިވަރަންފަރު
    • ކުޅުދުއްފުށި
    • ކޭލަކުނު
  • ށ. އަތޮޅު:

    • ފުނަދޫ
    • ނަލަންދޫ
  • ނ. ލަންދޫ

  • ބ. ތުޅާދޫ

  • ހަނިފަރު ބޭ
  • ބިލެއްދޫ ތިލަ

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ޓުއާގެ މަގުސަދަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި މުއްސަނދި ތާރީހުގެ އިތުރުން ޔޮޓް ޓޫރިޒަމް ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން މި ސަރަހައްދުތައް ހަރުދަނާ ކުރުމުގެ ފައިދާ ނެގުން ކަމަށެވެ.