ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޕާކު އަޅަން ނިންމާފައިވާ ސަރަހައްދުގައި ޕާކް ކޮށްފައިވާ އުޅަންދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެދިއްޖެއެވެ.
އެޗްޑީސީން ބުނީ، ހިޔާ ޕާކް ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާތީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މާދަމާގެ ނިޔަލަށް ނަގާ އެތަން ހުސް ކުރުމަށް އެދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެ ސަރަހައްދަކީ ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް5 އަދި އެޗް9 ވަނަ ޓަވަރާ ދެމެދުގައި ވާ ސަރަހައްދެެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަަކުގައި މީހުން އާބާދުވެ އުޅެން ފެށި ފަހުން ދެވަނަ ފިޔަވަހި އެޗްޑީސީގެ ޕްލޭނާ އެއްގޮތަށް ތަރައްގީ ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ، އެ ގޮތުން އެ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެ ސަރަހައްދުން ލިބޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމަށް ވެސް ގިނަ މަސައްކަތް ތަކެއް ވަނީ ކޮށްފައެވެ.
މިހާރު އެ ޓަވަރުތަކަށް ދިރާގާއި އުރީދޫގެ ހިދުމަތް ލިބޭނެއެވެ. އަދި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ދަތުރު ފަތުރުގެ ކަންކަން ލުއި ކޮށްދިނުމަށް އެމްޓީސީސީގެ ބަހުގެ ހިދުމަތްވެސް އެ ސަރަހައްދަށް ލިބޭ ގޮތް ވަނީ ހަމަޖައްސާފައެވެ.