ކޯޓުޔާޑާއެކު 3000 މީހުންގެ ޖާގައިގެ މިސްކިތެއް ހުުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަން އެޗްޑީސީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާ ދެމެދު ސޮއި ކޮށްފިއެވެ.
އެޗްޑީސީން ފަރުމާ ކޮށްފައިވާ މި މިސްކިތަކީ 30،655 އަކަފޫޓުގެ ބިމެއްގައި، މިސްކިތުގެ އެތެރޭގައި 1400 މީހުންގެ ޖާގަ އަދި ކޯޓްޔާޑާ އެކު 3000 މީހުނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ މިސްކިތެކެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ދިމާވާ މައްސަލަތަކަށް ބަލާ، މި މިސްކިތް ފަރުމާ ކުރުމުގައި އިސްކަންދީފައި ވަނީ މިސްކިތުގެ ޖާގަ ބޮޑުކޮށް މީހުންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް ކަމަށް އެކުންފުނިން ބުނެއެވެ. މިގޮތުން މިސްކިތުގެ ކޯޓްޔާޑް ފަރުމާ ކޮށްފައި ވަނީ ބޮޑު ޖަމާއަތެއްގައި މީހުންނަށް އިށީނދެވޭ ކަހަލަ ގޮތަކަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން 139 ސައިކަލު ޕާކް ކުރާނެ ޖާގައާއެކު ހަދާ މި މިސްކިތް ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި ކަމަށާއި މި މިސްކިތް ބިނާކުރުމުން ވަރަށް ގިނަ ލުއިފަސޭހަތަކެއް އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މިގޮތުން ނަމާދުކޮށް ނިމުމުން މިސްކިތުން ފައިބަން ދިމާވާ ދަތިތަކަށް ހައްލެއް ލިބި އަދި ރަމަޟާން މަހުގައި، މިސްކިތަށް އަރާ ފޭބުމުގައި ތޮއްޖެހުން ކުޑަވެ ނަމާދުކުރަން ފަސޭހަ ވެގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މިސްކިތް އެޅުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ. އެޗްޑީސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އެޗްޑީސީން ބުނީ މި މިސްކިތަކީ ހުޅުމާލޭގެ ބިނާތަކުގެ ތެރެއިން ތަފާތު ފަންނުވެރިކަން ފެނިގެންދާނެ މިސްކިތަކަށްވާނެ ކަމަށެވެ.