ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިއަށް ދިޔައީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ. ނަމަވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

މިބައްދަލުވުމުގައި ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ނަޝީދު ލަންކާއަށް ކުރެއްވި މިދަތުރުފުޅަކީ އެ ގައުމުގެ ޔޫތު ޕާލިމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ލަންކާގެ ޒުވާނުންގެ މަޖިލީހުގެ ސެޝަނަކީ އެ ގައުމުގެ ޒުވާނުންގެ މެދުގައި ލީޑަޝިޕްގެ ހުނަރުތައް އަށަގަންނުވައި، އެ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން އެ ގައުމުގެ ނެޝަނަލް ޔޫތު ސާވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަނެކެވެ.

މީގެ އިތުރުން، ނަޝީދުގެ ދަތުރުފުޅުގައި ލަންކާގެ އިސްވެރިންނާއި، ރާއްޖޭގައި އިންވެސްޓްކުރާ ބައެއް ފަރާތްތަކާ ބައްދަލު ކުރަންވެސް ވަނީ ހަމަޖެހިފައެވެ.