އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް)ގެ ގުދަން ކައިރީގައި އިއްޔެ ދިން ޑްރޯން ހަމަލާގައި މަރުވި 3 މީހުންގެ ތެރެއިން 2 މީހުންނަކީ، އިންޑިއާއަށް ނިސްބަތް ވާ ބައެއް ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ޔޫއޭއީއަށް އަމާޒުކޮށްގެން އިއްޔެ ދިން ޑްރޯން ހަމަލާގެ ޒިންމާ އުފުލާފައި ވަނީ، ޔަމަނުގައި ސިލްސިލާ ދާހިލީ ހަނގުރާމައެއް ކުރަމުން އަންނަ، ހަތިޔާރު އެޅި ހަނގުރާމަވެރިން ހޫތީންނެވެ.

އިއްޔެގެ ހަމަލާގައި އެޑްނޮކް ސަރަހައްދުން މަރުވި 3 ވަނަ މީހަކީ ޕާކިސްތާން ރައްޔިތެކެވެ. މި ހަމަލާގައި 6 މީހަކު ޒަހަމްވި ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫއޭއީގައި ހުންނަވާ އިންޑިއާ ސަފީރު، ސަންޖޭ ސުދީރުވެސް ވަނީ ޑްރޯން ހަމަލާގައި އިންޑިއާ ރައްޔިތުންތަކެއްގެ ފުރާނަ ގެއްލިފައި ވާ ކަން، މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެމީހުންގެ ވަނަވަރު ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާ، އެންމެ އިސްކަމެއް ދެއްވަނީ، އާއިލާތަކާ ހަމައަށް މެސެޖު ގެންދެވުމަށް ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

މިއީ ހޫތީންގެ ހަމަލާގައި އިންޑިއާ ރައްޔިތުންތަކެއް ޝިކާރަވި 2 ވަނަ ފަހަރެވެ. ޖެނުއަރީ 3 ވަނަ ދުވަހު ހޫތީން ހައިޖެކް ކުރި ކަނޑު އުޅަނދެއްގައި ތިބި 11 ކުރޫ މެންބަރުންގެ ތެރެއިން 7 މީހުންނަކީ އިންޑިއާ ރައްޔިތުންނެވެ. އެމީހުން އަދިވެސް ތިބީ ހޫތީންގެ ބަންދުގައެވެ.