ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ވައިގެ ތެރެއަށް ބުރައިގެން ދާތާ 20 މިނެޓްގެ ތެރޭގައި، އެ ބައްޔަށް އިންފެކްޓް ކުރުމުގެ ބާރު 90 ޕަސެންޓް ކަނޑުވާލާ ކަމަށް އާ ދިރާސާއެއް ބުނެފިއެވެ.

ކުރު ރާސްތާއިން ކޮވިޑް ފެތުރި، ބައްޔަށް އިންފެކްޓް ވުން ކޮންޓްރޯލް ކުރުމަށް އަދިވެސް އޮތް އެންމެ ރަނގަޅު އެއް ހަތިޔާރަކީ ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާއެކު މާސްކު ބޭނުން ކުރުން ކަމަށް މި ދިރާސާ ބާރު އަޅައެވެ.

ދިރާސާގެ އިސް މުސައްނިފު، އޭރޯސޯލް ރިސާޗް ސެންޓާގެ ފްރޮފެސާ ޖޮނަތަން ރީޑް ވިދާޅުވީ، ކޮވިޑާ ގުޅިގެން މީހުން އެންމެ ބޮޑަށް ވިސްނަނީ ރަނގަޅަށް ވައި ދައުރު ނުވާ ގޮތަށް ބަންދު ވެފައި ވާ ތަންތަނުގެ ތެރޭގައި ވައިރަސް ފެތުރިގެން ދިއުމާ މެދުގައި ކަމަށެވެ. އެއީ ނުވާނެ ކަމެއް ކަމަކަށް ނުދަންނަވާ ކަމަށާ، ނަމަވެސް ހަގީގީ ރިސްކަކީ ވަކި މީހަކާ އިންތިހާއަށް ގާތް ވުން ކަމަށްވެސް ޕްރޮފެސާ ރީޑް ވިދާޅުވިއެވެ.

މީހުންނާ ދުރަށް ޖެހުމުން ވައިގެ ތެރޭގައި އެކުލެވޭ ވައިރަހުން އިންފެކްޓް ކުރުމުގެ ބާރު ދަށް ވާ ކަމަށް ޕްރޮފެސާ ރީޑް ފާހަގަ ކުރެއްވިއެވެ.

ޕްރޮފެސާ ރީޑްގެ ދިރާސާއަކީ ވައިގެ ތެރޭގައި ކޮވިޑް ފެތުރިގެން ދާ ގޮތް ބެލުމަށް، މިފަދަ މޭރުމަކުން ހެދުނު، ފުރަތަމަ ސިމިއުލޭޝަން ދިރާސާއެވެ. މި ދިރާސާއަކީ އަދި ޕިއާ ރިވިއު ކުރަން ޖެހޭ ދިރާސާއެއް ކަމުން، ދިރާސާގެ ފުރިހަމަ ސައްހަކަން ކަށަވަރެއް ނުކުރެވެއެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު ވައިރަހުގެ ތިކިތައް، އިންފެކްޓް ވެފައި ވާ މީހެއްގެ ފުއްޕާމެއިން ވައިގެ ތެރެއަށް ބޭރުވުމުން، އޭގައި އެކުލެވޭ ފެނުގެ މިންވަރު ދަށްވެއެވެ. އަދި ވެށީގައި ކާބަންޑައިއޮކްސައިޑް ދަށް ވުމުގެ ސަބަބުން، ޕީއެޗް ލެވަލް މައްޗަށް ދާ ކަމަށާ، މިކަމުގެ ސަބަބުން، އިންސާނުންގެ ސެލްތައް އިންފެކްޓް ކުރުމަށް ވައިރަހަށް ލިބިދޭ ބާރަށް އަސަރު ފޯރާ ކަމަށް ދިރާސާ ބުނެއެވެ.

އާންމު އޮފީސް މާހައުލަކަށް ބަލާއިރު، ބޭރުވެގެންދާ ވައިރަސް ތިކިން އިންފެކްޓް ވުމުގެ ފުރުސަތު، 5 ސިކުންތު ތެރޭގައި 2 ގުނަ ކުޑަ ވާ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ. ސާސްކޮވް-2 ގެ 3 ވޭރިއަންޓެއްގައިވެސް މިކަން މިހެން އޮތް އިރު، އެންމެ ފަހުން ފެންމަތިވި އޮމިކްރޯން ވޭރިއަންޓުގައި މިކަން އޮތީ ކިހިނެއްތޯ ބެލުމަށް ބައޮލޮޖިސްޓުން އުއްމީދު ކުރެއެވެ.