2019 ގެ ތެރޭގައި ފެނި މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކޮވިޑްގައި ހާލު ދެރަވެ ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހުނު މީހުންގެ ސިކުނޑިއާއި، ފުއްޕާމޭ އަދި ކިޑްނީ އަށް ގެއްލުން ވެފައި ވާ މިންވަރު، ކޮވިޑް ނުޖެހި ތިބި މީހުންނާ އަޅާ ބަލާއިރު ބޮޑުކަމަށް ދިރާސާއިން ދައްކައިފިއެވެ.

ކޮވިޑްގައި ގިނަ އަދަދަދެއްގެ ބަޔަކު މަރުވެ ދިޔަ އިރު، ރަނގަޅު ނުވާތީ ދިގު މުއްތަކަށް ފަރުވާ ކުރަން ޖެހުނު މީހުންވެސް ގިނައެވެ. ބައެއް މީހުން 5-6 މަސް ވާންދެން ހޮސްޕިޓަލްތަކުގައި އެޑްމިޓްވެގެން ތިބެން ޖެހުނު އިރު އަވަހަށް ރަނގަޅުވެ އާންމު ހާލަތަށް ރުޖޫއަ ވި މީހުންވެސް ގިނައެވެ.

އިނގިރޭސިވިލާތުގެ ސައިންސްވެރިން 259 މީހެއް ބޭނުން ކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާގައި، އެމީހުންގެ އެމްއާރުއައި ހަދާ ބަލާފައި ވާ އިރު ސައިންސްވެރިން ބުނީ، އެ މީހުންގެ ތެރެއިން ކޮވިޑްގައި ގިނަ ދުވަސް ވީ މީހުންގެ ފުއްޕާމެއަށް ލިބިފައި ހުރި ގެއްލުންތައް ބޮޑު ކަމަށާއި، އެކަމުގެ ސަބަބުން ނޭވާލުމަށް އުނދަގޫތައް ދިމާވާ މިންވަރު އިތުރުވެފައި ވާ ކަމަށެވެ. ދެވަނަ އަށް އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ އެފަދަ މީހުންގެ ސިކުނޑިއަށް ކަމަށާއި، ސިކުނޑީގެ އެކިއެކި މަސައްކަތްތަކަށް ބަދަލު އައިސްފައި ވާ ކަމަށެވެ. ކިޑްނީ އަށް އަސަރު ކޮށްފައި ވަ މިންވަރު އެ ފަދަ މީހުންގެ ބޮޑުކަން ފާހަގަ ކުރަމުން ބުނެފައި ވަނީ، އެފަދަ މީހުން ދާއިމީ ފަރުވާ އެއް ބޭނުންވާ ކަމަށެވެ.

އެ ދިރާސާގައި ސައިންސްވެރިން ވަނީ ކޮވިޑް ނުޖެހި ތިބި 52 މީހެއްގެ އެމްއާރުއައި ވެސް ހަދާ އަޅާ ކިޔާފައެވެ. އެ ނަތީޖާއިން ދެއްކީ، އެފަދަ މީހުންނަށް ވުރެ ކޮވިޑް ޖެހުނު މީހުން ނުރައްކަލަށް ހުށަހެޅިފައި ވާ މިނަވްރު 14 ގުނަ އިތުރު ކަމަށެވެ.

ޔުނިވާސިޓީ އޮފް އޮކްސްފޯޑުން ކުރިއަށް ގެންދިޔަ މި ދިރާސާގެ ބޭނުމަކީ ކޮވިޑާއެކު ދެން ދިމާވަމުންދާ ސިއްހީ މައްސަލަތަކަށް ފަރުވާ ކުރާނެ ގޮތާއި، އާ އީޖާދީ ފަރުވާތައް ހޯދުމަށް މަގުފަހި ކުރުމެވެ.

ކޮވިޑަށް ފަހު، ކުއްލި މަރުތައް ގިނަ ވުމާއި، ސިއްހީ ތަފާތު މައްސަލަތައް ފާހަގަވާ މިންވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުން ކަމަށް ދިރާސާތަކުން ދައްކައެވެ.