ދުނިޔޭގައި އެންމެ ބާރަށް އިގްތިސޯދު ކުރިއަރާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، އެ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނީ ކޮވިޑް-19 ގެ ދުވަސްވަރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ކެމްޕެއިނަށް ވަޑައިގެން އެ އަތޮޅުގެ މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ކޮވިޑުގެ ދުވަސްވަރު ހިނގި ކަންކަން އާ ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2020 ވަނަ އަހަރު ފެތުރުނު ކޮވިޑުގެ ސަބަބުން އިގްތިސޯދަށް ދަތިވެ، ގައުމުގެ ތަރައްގީ އަށް ކުރަން ޖެހުނު މަސައްކަތްތައް ހުއްޓުނު ކަމަށެވެ. ރައީސް ވިދާޅުވީ، އެ ދުވަސްވަރު ފިޔަވަޅުތައް އަޅައި، އާންމުންގެ ހައްގުގައި ކުރަން ޖެހުނު ކަންކަން ކުރެއްވި ކަމަށެވެ.

އެމަނިކުފާނު އޭގެ ތެރެއިން ތިން ކަމެއް ފާހަގަކުރެއްވިއެވެ. އެ ތިން ކަމަކީ:

  • 22،904 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 421 މިލިއަން ރުފިޔާ ދިނުން
  • ކުދި ފަންތީގެ 1،400 ވިޔަފާރިއަކަށް ލުއި ލޯނުގެ ގޮތުގައި 380 މިލިއަން ރުފިޔާ ދިނުން
  • ބޮޑެތި ވިޔަފާރިތައް ހިމެނޭހެން ލުއި ލޯނުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދިނުން

އަވަށްޓެރި ސްރީލަންކާ އިން މިސާލު ނަންގަވައި ރައީސް ވިދާޅުވި ގޮތުގައި، މިއަދު މި ހިސާބަށް ރާއްޖެ އާދެވުނީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

"ސަރުކާރަކުން ކުރަން ޖެހޭ ކަންތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ ދުވަހު ކުރިން، އޭގެ ސަބަބުން މިއަދު ދުނިޔޭގައި އިގްތިސޯދު އެންމެ ބާރަށް ކުރިއަރާ ދިހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ފާހަގަކުރެއްވި ގޮތުގައި މިއަދަކީ 2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ހުޅުވާލިތާ ތިން އަހަރު ފުރޭ ދުވަހެވެ. އެމަނިކުފާނު ވަނީ، ބޯޑަރު ބަންދުކުރުމުގެ ސަބަބުން ދިވެހިންނަށް ދިމާވި ދަތިތަކަށް އަލިއަޅުވާލައްވައިފައެވެ.

"2020 ވަނަ އަހަރު ބޯޑަރު ތިން މަސް ދުވަހަށް އަޅުގަނޑުމެން ބަންދުކުރިން، މުޅި އިގްތިސޯދު ހުއްޓުމަކަށް އައި، އެ އަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީގެ 14 ބިލިއަން ރުފިޔާ ނުލިބި ދިޔަ، ފައިސާ ހޯދަން ޖެހުނު،" ރައީސް ވިދާޅުވިއެވެ.

އެ ވާހަކަފުޅަށް ފަހު ކޮންމެވެސް ވަރަކަށް ފަތުރުވެރިކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މިއަދު ސަރުކާރުން އަމާޒުކޮށްގެން ތިބީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށެވެ. ނަމަވެސް ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލައި، އަލިއަޅުވާލެއްވުމަށް ފަހު ރައީސް ވިދާޅުވީ، ސަރުކާރުގެ ތަސައްވުރަކީ މި އަހަރު ނިމުމުގެ ކުރިން 1.9 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުން ކަމަށެވެ.

ކޮވިޑަށް ފަހު، ރަޝިއާ އާއި ޔޫކްރައިނާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް އައި ލޮޅުމަށް ރައީސް އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރަޝިއާ އާއި ޔޫކްރައިނާ ދެމެދު ކުރެވުނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވެ، ތެލުގެ އަގު އުފުލިގެން ދިޔައެވެ.

"އަޅުގަނޑުމެން ބަޖެޓުކޮށްފައި އޮތް ވަރުގެ އިތުރަށް ކޮންމެ މަހަކު 20 މިލިއަން ދޮލަރު ބަޖެޓުން ހޭދަކުރަން ޖެހުނު، ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން 2.3 ބިލިއަން ރުފިޔާ މިދިޔަ އަހަރު ވެސް އަޅުގަނޑުމެން ހޭދަކުރިން، އެ ތަކްލީފު ނުޖެއްސުން އަޅުގަނޑުމެންގެ ބޭނުމަކީ ރައްޔިތުންނަށް، ސަރުކާރުން އެ ބުރަ އުފުލުން، އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ އެބަ ފެނޭ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސްގެ ރައްދު އިދިކޮޅަށް: އިގްތިސޯދާއި އާމްދަނީ އަންނަނީ ދެގުނަ ވަމުން

ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް، ވަކިން ހާއްސަކޮށް ރާއްޖޭގެ އިގްތިސޯދަށް ވެސް އެކަމުގެ އަސަރު ކުރިއެވެ. އެހެންކަމުން ސަރުކާރުން ބައެއް ފިޔަވަޅުތައް އަޅާފައިވެއެވެ. އެ ފިޔަވަޅުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެގެން ވެސް ދިޔައެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ދުވަސްވަރު އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ރަނގަޅުވެ، އާމްދަނީ އަންނަނީ ދެ ގުނަ ބޮޑުވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 30 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދުން ކަމަށާއި، 2028 ވަނަ އަހަރު އާމްދަނީ ދެ ގުނަ ބޮޑުވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

"މިހާރުގެ އަމާޒަކީ 2028 ވަނަ އަހަރު ދައުލަތުގެ އާމްދަނީ އަށް 50 ބިލިއަން ރުފިޔާ ވެއްދުން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އައިއެމްއެފުން އަންދާޒާކުރީ ރާއްޖޭގެ އިގްތިސޯދު 7.6 ޕަސެންޓަށް ކުރިއަރާނެ ކަމަށާއި، 5.4 ޕަސެންޓަށް އިންފްލޭޝަން މަތިވާނެ ކަމަށް ވެސް އަންދާޒާކުރި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އިންފްލޭޝަން ރޭޓު މަތިވެ، އަގުތައް އުފުލޭނެ ކަމަށް އިދިކޮޅުން ބުނަމުން ދިޔަ ކަމަށެވެ.

ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގްތިސޯދު 9.4 ޕަސެންޓު ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، ރާއްޖޭގެ އިންފްލޭޝަން ވަނީ 3.4 ޕަސެންޓުގައި ހިފެހެއްޓިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ ރާއްޖޭގެ ތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްތުމަށް މި ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ މިއަދު އެ ފެންނަނީ، ކޮތަންމެ ބާރަށް އަޑުހަރުކޮށް ތަކެތީގެ އަގު ބޮޑުވެޔޭ ބުންޏަސް، އެމްއެމްއޭ އިން ރާއްޖޭގެ ސެންޓްރަލް ބޭންކުން އެ ބުނަނީ ތަކެތީގެ އަގު ދަނީ ދަށަށޭ،" މިއީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅެއް ނޫން ކަމަށާއި، މިއީ އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެންނަން ހުރި ހިސާބުތައް ކަމަށް ރައީސް ވިދާޅުވިއެވެ.