ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެޓްސް (ޕީއެސްއައިޕީ) މަޝްރޫތައް ހިންގުމުގެ މުއްދަތު 6 މަސްދުވަހާއި ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި ގޮތަށް އުސޫލަށް ބަދަލު ގެންނަން ނިންމާފައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ދިމާވި ދަތިތަކަށް ލުޔެއް ހޯދާ ދިނުމުގައި ކަމަށެވެ.
އެގޮތުން މި ބަދަލު ގެނެއުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 2020 ވަނަ އަހަރު ކޮވިޑް ހާލަތު އިއުލާން ކުރި ފަހުން، އަދި މި އަހަރުގެ މެއި 30 ވަނަ ދުވަހުގެ ކުރިން ސޮއި ކޮށްފައިވާ މަޝްރޫއު ތަކުގެ އެކަނި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އެފަދަ ކޮންޓްރެކްޓަރުން މުއްދަތު އިތުރު ކުރަން ބޭނުން ނަމަ 6 މަސް ދުވަސް އިތުރުނުވާ ގޮތަށް މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ ކޮންޓްރެކްޓެއް ހިންގާ އޮފީހަކަށް އެދުމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވެއެވެ.
އަދި ދައުލަތުގެ އޮފީސްތަކުން ނަމަ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހުއްދަ ދީ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަދާހަމަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރި ހަރަދު 9.26 ބިލިއަން ރުފިޔާއަށް އަރާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 3.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 6.09 ބިލިއަން ރުފިޔާއެވެ.
އަދި ހަމައެހެންމެ ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބަނދަރާއި ބްރިޖު އަދި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށާއި ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށެވެ. އެގޮތުން، އެއާޕޯޓު ތަރައްގީ ކުރުމަށް 1.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބަނދަރު ހެދުމަށް 843.7 މިލިއަން ރުފިޔާ، ބްރިޖު ހެދުމަށް 687.9 މިލިއަން ރުފިޔާ، މަގު ހެދުމަށް 1.02 ބިލިއަން ރުފިޔާ އަދި ބިން ހިއްކުމަށް 1.57 ބިލިއަން ރުފިޔާ މި މުއްދަތުގެ ނިޔަލަށް ވަނީ ހޭދަކޮށްފައެވެ.
މިއަހަރުގެ ބާކީ މިއޮތް ދުވަސްތަކަށް ފާސްކޮށްފައިވާ ބަޖެޓަށް ވުރެ 1.78 ބިލިއަން ރުފިޔާ ޕީއެސްއައިޕީތަކަށް ހޭދަވާނެ ކަމަށް ފިނޭންސުން ވަނީ ލަފާ ކޮށްފައެވެ.
ރައްޔިތުންގެ ލަފައެއް ނެތި ރައްޔަތުންގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓް ތަކަށް މުއްދަތު ވަކި މީހަކު ހިތައް އެރިގޮތަކަށް މުއްދަތު ދިނުން އެއީ ރަނގަޅު ގޮތެއް ނޫން އަދިއަމުދުން އިންތިގާލީ ދުވަސްވަރު ތިކަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫނީ ވެގެން ނުވާނެ