ފާއިތުވި ހަފުތާތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ކޮވިޑްގެ އިތުރުން ޑެންގީ، ވައިރަލް ފީވާ އަދި އިންފްލުއެންޒާ ފަދަ ބަލިތައް ވެސް އިތުރުވަމުން އަންނަ ކަމަށާއި މޫސުމީ ރޯގާތައް ވެސް މި ދުވަސްވަރު އިތުރުވަމުން އަންނަ ކަމަށެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ސިއްހަތާއި، އެހެން މީހުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ރައްކާތެރިކަމުގެ އަސާސީ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

މިހާލަތު ވަރަށް ގާތޫން މޮނިތާ ކުރަމުން އަންނަ ކަމަށާއި އަދި މި ކަމާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރަމުން އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަން ފަށައި ހަލުވި ކަމާއެކު ބަލި ފެތުރެމުން ދިއުމުން ލޮކްޑައުންކޮށް ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކޮވިޑް ކޭސްތައް ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ކޭސްތައް ކޮންޓްރޯލް ކުރެވިފައި ވަނީ ކޮވިޑުން ދިފާއު ވުމަށް ގިނަ ބަޔަކު ވެކްސިން ޖެހުމުންނެވެ.

ނަމަވެސް 2023 ވަނަ އަހަރު ފެށިގެން މާޗް މަހުގެ މެދަކާ ހިސާބަށް ދިޔައިރު ކޮވިޑް ކޭސްތައް އަނެއްކާ ވެސް ފެނިފައި ވެއެވެ. ނަމަވެސް ފަހުން މި ބަލި އަނެއްކާވެސް ވަނީ ކޮންޓްރޯލް ވެފައެވެ.