ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

އެޗްޑިސީން ކުރި އިއުލާނެއްގައި ބުނީ، ބިޑަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށެވެ.

މީގެ އިތުރުން ބިޑަށް ކުރިމަތިލާ ފަރާތަކީ އެޗްޑީސީގެ ބޯޑު މެންބަރަކާ ނުވަތަ ކުންފުނީގެ ވިޔަފާރި ޕާޓްނަރަކާ ނުވަތަ އެޗްޑީސީގެ މުވައްޒަފަކާއި އެއްވެސް މަސްލަހަތެއް އޮންނަ ފަރާތަކަށް ވެގެން ނުވާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިމަހު 25 ވަނަ ދުވަހުގެ ނިޔަލަށް މިމަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅަން ބަޔަކު ހޯދަމުންދާއިރު މިދިޔަ އަހަރު އޮކްޓޫބަރު މަހު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލެއް އެޅުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

ހުޅުމާލެ ފޭސް 2 ގައި އަލާފައިވާ ހިޔާ ފްލެތްގެ ތަވަރަުތަކަށް ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާ އިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަދި ސްކޫލެއް ނެތުމުން އެ ސަރަހައްދުގައި ދިރިއުޅޭ ކުދިން ކިޔަވަން ދަނީ މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ސްކޫލަތަކަށެވެ.