މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި ޓެނިސް ކުޅުންތެރިޔާ ނޯވާކް ޖޮކޮވިޗް، އިސޮލޭޝަން އުސޫލާ ހިލާފަށް އަމަލު ކޮށްފައި ވާނެ ކަމަށް، އިއުތިރާފް ވެއްޖެއެވެ.

އެކަން އެހެން ކުރެވުނީ، ގޮތް ނިމުމުގައި ހެދުނު ގޯހަކުން ކަމަށްވެސް ޖޮކޮވިޗް ވަނީ ބުނެފައެވެ

އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓެއްގައި ޖޮކޮވިޗް ވަނީ، ޑިސެމްބަރު 16، 2021 ގައި ކޮވިޑް-19އަށް ޕޮޒިޓިވްވުމަށް ފަހު، 2 ފަހަރެއްގެ މަތިން ނޫސްވެރިއަކާ ބައްދަލުކޮށް، އިންޓަވިއު ދީފައި ވާނެ ކަމަށް ބުނެފައެވެ. އަދި އެ އިންޓަވިއުތަކަކީ ރީޝެޑިއުލް ކުރަން ޖެހޭ އިންޓަވިއުތަކެއް ކަމަށް ގަބޫލު ކުރާ ކަމަށްވެސް އެ ޕޯސްޓްގައި އޭނާ ބުނެފައި ވެއެވެ.

މިފަދަ ގޮތަކަށް ޖޮކޮވިޗް ޕޯސްޓް ކޮށްފައި ވަނީ، އޭނާ ޑީޕޯޓް ކޮށްލުމަށް އޮސްޓްރޭލިއާ ސަރުކާރުން ވިސްނަމުން ދާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިންވެސް ޖަހާފައި ނުވާއިރު، އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާގެ ވިސާ ބާތިލު ކޮށްފައި ވަނީ ޖެނުއަރީ 6، 2021 ވަނަ ދުވަހުއެވެ. ޖޮކޮވިޗް މިވަގުތު އޮސްޓްރޭލިއާގައި ހުރީ އޮސްޓްރޭލިއާ އޯޕަން ޓައިޓަލް ދިފާއު ކުރުމަށެވެ.

ޖޮކޮވިޗްގެ މައްސަލާގައި ކުރިއަށް ދިޔަ ޝަރިއަތުގައި، ފަނޑިޔާރު ވަނީ ބަންދުގައި ހުރި ކުޅުންތެރިޔާ މިނިވަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކޮށްފައެވެ. ނަމަވެސް އިތުރު ފިޔަވަޅެއް ޖޮކޮވިޗްއާ ދެކޮޅަށް ނާޅާނެ ކަމަކަށް އޮސްޓްރޭލިއާ ސަރުކާރަކުން ނުބުނެއެވެ. މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވާއިރު، އޭނާގެ ވިސާ އަނެއްކާވެސް ބާތިލު ކުރުމުގެ ފުރުސަތު، އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރަށް ލިބިގެން ވެއެވެ.

ކަން މިހެން އޮތް އިރު ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާއަށް އެތެރެވުމުގެ ކުރިން އޭނާ ފުރި، ޓްރެވެލް ޑޮކިއުމަންޓްތަކުގައި ހަގީގަތުން އެއްކިބާވަނިވި މައުލޫމާތު ހިމެނޭނެ ކަމަށް އިއުތިރާފްވެފައެވެ. އެގޮތުން، ކައިރި މާޒީގައި ކުރި ދަތުރު ތަކާ ބެހޭ މައުލޫމާތު ފުރަން އޮތް ބާބުގައި، އޭނާގެ އޭޖެންޓަށް ގޯހެއް ހެދުނު ކަމަށް ޖޮކޮވިޗް ބުނެއެވެ.

އޮސްޓްރޭލިއާއަށް ދަތުރު ކުރުމުގެ 14 ދުވަސް ކުރިއަށް ހޭދަވީ މުއްދަތުގައި ދަތުރު ކޮށްފައި ނުވާނެ ކަމަށް ޓްރެވެލް ޑޮކިއުމަންޓްގައި ބުނެފައި އޮތް ނަމަވެސް، އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ވަނީ، ސާބިއާއި ސްޕެއިންއަށްވެސް ދަތުރު ކޮށްފައެވެ.

އޮސްޓްރޭލިއާ އޯޕަން ޓެނިސް މުބާރާތް ފަށަން ހަމަޖެހިފައި ވަނީ ޖެނުއަރީ 17، 2021 ވަނަ ދުވަހުއެވެ. މި ފަހަރުގެ ޓައިޓަލްވެސް ޖޮކޮވިޗް ކާމިޔާބު ކޮށްފި ނަމަ، އޭނާ ވެގެން ދާނީ ޓެނިހުގެ ތާރީހު ދުށް، އެންމެ ކާމިޔާބު ފިރިހެން ތަރިއަށެވެ.