ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އިތުރު ވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އިނގިރޭސި ރާނީ އެލިޒަބަތު 2 ގެ ރެނދަލިކަމަށް 70 އަހަރު ފުރުމުގެ މުނާސަބާ، ވަރަށް ކުލަ ގަދަ ކޮށް ފާހަގަ ކުރުމަށް، އިނގިރޭސިވިލާތުން ނިންމައިފިއެވެ.
ޝާހީ ގަނޑުވަރު، ބަކިންގްހަމް ޕެލަސްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެލިޒަބަތު 2 ގެ ރަނިކަމަށް 70 އަހަރު ފުރުމުގެ ޕްލެޓިނަމް ޔޫބީލް ހަރަކާތްތައް، މުޅި އަހަރު ދުވަހަށް ދެމިގެން ދާނެ ކަމަށެވެ.
އެލިޒަބަތު 2 ގެ ރަނިކަމަށް 70 އަހަރު ފުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ފުރަތަމަ އިވެންޓް މިއަދު ފަށާނެ ކަމަށާ، ހަރަކާތްތަކުގެ ފޯރި އެންމެ ގަދަވާނީ ޖޫން 2 އާއި 5 ވަނަ ދުވަހާ ދެމެދު ކަމަށް ބަކިންގްހަމް ޕެލަސްގެ ބަޔާނުގައިވެއެވެ.
ޕްލެޓިނަމް ޔޫބީލްގެ ހަރަކާތްތަކުގެ ތެރޭގައި އަސްކަރީ ޕެރޭޑެއްގެ އިތުރުން، އަވަށްޓެރިންގެ ބައިބައަށް ބާއްވާ ޕާޓީތައް ހިމެނެއެވެ. މީގެ އިތުރުން، މުޅިން އާ ފޮނިކާއެއްޗެއް އުފެއްދުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކަން މިހެން އޮތް އިރު، ހުސްވި ހަފުތާގައި އެކަނިވެސް އިނގިރޭސިވިލާތުން 1.227 މިލިއަނެއްހާ މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު 10.6 ޕަސެންޓް އިތުރު އަދަދެކެވެ. ކުރީ ހަފުތާއާ އަޅާ ބަލާއިރު، މިމުއްދަތުގައި، ކޮވިޑްގައި މަރުވި މީހުންގެ ނިސްބަތްވެސް ވަނީ 38.3 ޕަސެންޓް އިތުރު ވެފައެވެ.
އިނގިރޭސިވިލާތުގެ ތަހުތުގައި އެލިޒަބަތު 2 ވަނަ އިންނަވާތާ 70 އަހަރު ފުރޭނީ ފެބުރުއަރީ 6 ވަނަ ދުވަހުއެވެ. އެލިޒަބަތު 2 ވަނައަކީ، އިނގިރޭސިވިލާތުގެ ތާރީހުގައިވެސް 70 އަހަރު ވަންދެން އެ މަގާމު ދެމެހެއްޓެވި ފުރަތަމަ ޝަހްސަށް ވެގެންދާނެއެވެ.
އުމުރުފުޅުން 95 އަހަރުގެ އެލިޒަބަތު 2، ވީހާވެސް ގިނައިން އަރާމު ކުރެއްވުމަށް ޑޮކްޓަރުން ވަނީ ދާދި ފަހުން އިރުޝާދު ދީފައެވެ. ޕްލެޓިނަމް ޔޫބީލްގެ ހަރަކާތްތަކުގައި އެލިޒަބަތު 2 ވަނަ ބައިވެރިވެވަޑައިގަންނަވާނެ ކަން ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
ޝާހީ ގަނޑުވަރުން މައުލޫމާތު ދޭ ގޮތުގައި އަވަށްޓެރިންގެ މެދުގައި ބާއްވާ އެކި އިވެންޓްތަކުގެ އަދަދު 2 ލައްކައަށް އަރާނެއެވެ.