ރައީސް އޮފީހާއި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ މުއައްސަސާތަކާ އެކު، "އަމާން އައްސޭރި 2025"ގެ ނަމުގައި ކުރިއަށްގެން ދިޔަ ހަރަކާތް، ނިންމާލައިފިއެވެ.

ޓޭބަލް ޓޮޕް އެކްސަސައިޒެއްގެ ގޮތުގައި ކުރިއަށް ގެން ދިޔަ ދެ ދުވަހުގެ މި ހަރަކާތުގައި، ނޭޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެންޓީއާރްޕީ) ޓެސްޓްކޮށްފައި ވެއެވެ. މި އެކްސަސައިޒަކީ، ޓެރަރިޒަމާ ގުޅުން ހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެފައިވާ މިންވަރާއި، އެފަދަ ހާލަތެއްގައި މުވައްސަސާތަކުގެ މެދުގައި އެއްބާރުލުން ދެވޭ މިންވަރު ދެނެގަނެ، ގާބިލުކަން ހުރި ނެތް މިންވަރާއި، އެކަންކަން ހަރުދަނާ ކުރަން ނިންމަން ޖެހޭ ނިންމުންތައް ދެނެގަތުމަށް ބޭއްވި މުހިންމު އެކްސަސައިޒެކެވެ.

"އަމާން އައްސޭރި 2025" އާއި އެންޓީއާރްޕީގެ އަމާޒަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތު ކަމަށް އަމަލީ ސިފަ ގެނަސް، ގައުމީ ސަލާމަތަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާ ކުރުމެވެ.

މި ހަރަކާތުގައި ސަރުކާރުގެ 11 ވުޒާރާއެއް ބައިވެރިވެފައިވާ އިރު އެތަންތަނުގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި އިސްވެރިން ވަނީ އިސްތިރާޖީ ފެންވަރުގެ މަޝްވަރާތައް ކުރައްވައި، އަމަލީ ނަތީޖާ ނެރެވޭ ފަދަ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ.

މި މަހުގެ 26 އިން 27 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ހަރަކާތް އިންތިޒާމުކުރީ ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުންނެވެ. މިއީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބައިވެރިވުމުން ރަމްޒުކޮށްދެނީ، ރައްކާތެރި، ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ގައުމުން ހިއްސާކުރާ އަޒުމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.