މުސްލިމުންނާ މެދު ނަފްތަރު އުފައްދާ ތަކުރާރުކޮށް ހަމަނުޖެހުން ހިންގުމަށް ގޮވާލައި ކަނާއަތުފިޔައިގެ ހަރުކަށި 2 ވަޒީރުންނަށް އިނގިރޭސިވިލާތަށް ނޭރޭ ގޮތް ހަދައިފިއެވެ.
އިނގިރޭސި ސަރުކާރުން ބުނީ، އިޒްރޭލުގެ 2 ވަޒީރުން އިނގިރޭސިވިލާތަށް އެރުން މަނާ ކުރުމުގެ އިތުރުން އެމީހުންގެ އެއްވެސް އެސެޓެއް (މުދަލާއި ވިޔަފާރި އަދި ފައިސާ) ހުރި ނަމަ އެ ވެސް ހިފަހައްޓާނެ ކަމަށެވެ.
އާންމުކޮށް މުސްލިމުންނަށް މަލާމާތް ކޮށް އަދި މުސްލިމުން މަރަން ފާޅުގައި ގޮވާލައި ހަރުކަށި 2 ވަޒީރުންނަކީ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމިން ބެން ގަވީރާއި ފިނޭންސް މިނިސްޓަރު ބެޒާލެލް ސްޓޯމިޗްއެވެ.
އިނގިރޭސިން މި ފިޔަވަޅު އިއުލާން ކުރި އިރު އޮސްޓްރޭލިއާ، ނޯވޭ، ކެނެޑާ އަދި ނިއުޒީލަންޑުން ވެސް ވަނީ އެމީހުންނާ މެދު ފިޔަވަޅު އަޅާފައެވެ.
ހުޅަނގުގެ މި ފިޔަވަޅުތަކާ ގުޅިގެން އިޒްރޭލުން ބުނެފައި ވަނީ ސަރުކާރު ތަމްސީލު ކުރާ މެންބަރުންނާ މެދު އެޅި ފިޔަވަޅާމެދު ހައިރާން ވެއްޖެ ކަމަށެވެ. އަދި އެއީ ގޯސް ފިޔަވަޅެއް ކަމަށް އިޒްރޭލުން ބުނެ ފާޑުކިޔާފައި ވެއެވެ.
އިނގިރޭސި ހާރިޖީ ވަޒީރުގެ އޮފީހުން ބުނެފައި ވަނީ، ފިޔަވަޅު އެޅި ދެ ވަޒީރުން ވަނީ މުސްލިމުންނާ މެދު ނަފްރަރު އުފެއްދުމުގެ އިތުރުން ފަލަސްތީނުގެ މުސްލިމުންގެ އިންސާނީ ކަރާމާތް ނަގާލަން ހިތްވަރުދީ ވާހަކަ ދައްކާފައި ކަމަށެވެ. އަދި ހަމަނުޖެހުން ހިންގާ އެމީހުންނާމެދު ހަރުކަށިކަން ދައްކަން ވެސް ގޮވާލާފައި ވާ ކަމަށެވެ.
ހުޅަނގުގެ މި ފިޔަވަޅާ ގުޅިގެން އެމެރިކާއިން ވަނީ ވަގުތުން ރައްދު ދީފައެވެ. އަބަދުވެސް އެމެރިކާއިން ދައްކާ ބަހަނާ ތަކުރާރު ކޮށް ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ 'ސުލްހަ ގާއިމު ކުރުމަށް އެމެރިކާއިން ކުރަމުން ދާ މަސައްކަތަށާއި ހަނގުރާމަ ހުއްޓުވައި ހުރިހާ އަސީރުން ގެއަށް ގެނައުމަށް' ކުރަމުން ދާ މަސައްކަތަށް ހުރަސް އެޅިގެން ދާ ކަމަށެވެ.
އަދި އޭނާ ވަނީ، 'އެމެރިކާއިން އަބަދުވެސް އޮންނާނީ އިޒްރޭލާއެކު ކޮނޑާ ކޮނޑު ޖައްސައިގެން' ކަމަށާއި، ހުޅަނގުން އެޅި ފިޔަވަޅުތައް އަނބުރާ ގެންދިޔުމަށް ވެސް ގޮވާލައްވާފައެވެ.
އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު މައިކް ހަކަބީވެސް ވަނީ ރޫބިއޯއަށް ތާއީދު ކުރައްވައި، ހުޅަނގުގެ ނިންމުމުން 'ހައިރާންކަން ލިބިވަޑައިގެންފި' ކަމަށް ވިދާޅުވެފައެވެ.
ހަރުކަށީ 2 ވަޒީރުން، މުސްލިމުންނާ މެދު ނަފްތަރު އުފެއްދުމުގެ އިތުރުން ގާޒާގައި މިހާރު ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ކާބޯތަކެތި ލިބިދިނަ ނުދިމުމަށް ވެސް މަސައްކަތް ކުރެއެވެ. އެގޮތުން އެމީހުންނަށް ދޭންވީ ކާބޯތަކެތި ނޫން ކަމަށާއި ސީދާ ބޮލަށް ބަޑިޖަހާ މަރަންވީ ކަމަށް ބުނެފައި ވެއެވެ.
ގާޒާ އަކީ އިޒްރޭލުން ވަށައިގެން ބަންދު ކޮށްފައި އޮންނަ އަނގަމަތީ ޖަލެކެވެ. އެތާނގައި ދިރިއުޅޭ 2 މިލިއަނެއްހާ މުސްލިމުން، ގެއިން ނެރެ، ބަނޑަށް ޖައްސައި، މަރާ، ލާއިންސާނީ އަނިޔާ ދަނީ ދަނި ދެމުންނެވެ.
އދ ގެ އިދާރާތަކުން ބުނާގޮތުގައި މިވަގުތު ދުނިޔޭގައި އޮތް އެންމެ ހައިހޫނު ތަނަކީ ގާޒާއެވެ. އަދި އެއީ ދުނިޔެމަތީގެ ނަރަކައިގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ވަނީ ސިފަ ކޮށްފައެވެ.