ދިވެހިން އެންމެ އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައި އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، މި އަހަރުގެ ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ގައުމުތަކުގައި ވެސް މި ހިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މެލޭޝިއާ އާއި ސްރީ ލަންކާ އާއި އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖޭހެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މި މަހު އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އެ ރަށްތަކަކީ ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުއްޔެވެ.

ޑީއެންއާރުން މިހާރު ވެސް ވަނީ އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް 15 ރަށެއްގައި ފަށާފައެވެ. އެ ރަށްރަށުގައި މި ހިދުމަތް ދެމުން އަންނަނީ ކައުންސިލްތަކާ ގުޅިގެންނެވެ.

އައިޑީކާޑާއި ޕާސްޕޯޓް ހައްދަން ކޮންމެ ފަހަރަކު މާލެ އަންނަން ނުޖެހޭ ގޮތަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މާލެ ސަރަހައްދުގައި ވެސް ހުޅުމާލެ އާއި ވިލިމާލެއިން މި ހިދުމަތްތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.