ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ދޫނި ރޯގާގެ ކޭހެއް، އިންގްލަންޑްގެ ހުޅަނގުދެކުނު ސަރަހައްދުން ފެނިފައި ވާ ކަމަށަ، އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެޗްއެސްއޭ)އިން ރިޕޯޓް ކޮށްފިއެވެ.

އެ އިދާރާއިން ހަބަރު ދޭ ގޮތުގައި އެމީހާއަށް ދޫނި ރޯގާ ޖެހިފައި ވަނީ، ބަލި ޖެހިފައިވާ ދޫނިތަކަކާ ވަރަށް ގާތުން "ކޮންޓެކްޓް" ވެގެންނެވެ. އަދި އެ ދޫނިތަކަކީ އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ގެންގުޅުނު ދޫނިތަކެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އިންފެކްޓް ވެފައި ވާ ދޫނިން، އިންސާނުންގެ ގަޔަށް ބަލި ވާރުތަ ވުމަކީ، އިނގިރޭސިވިލާތުގައި ވަރަށް މަދުން ނޫނީ ހިނގާފައި ނުވާ ކަމެކެވެ.

ބަލި ޖެހުނު މީހާ މިހާރު ހުރީ އެކަހެރިވެގެން ކަމަށާ، އޭނާއާ އެކީ އެއްތާވީ މީހުން ދެނެގަނެވިފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ. އަދި އެ ބަލި އިތުރަށް ފެތުރިފައި ވާ ކަމުގެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޔޫކޭއެޗްއެސްއޭގެ ޗީފް ސައެންޓިފިކް އޮފިސާ، ޕްރޮފެސާ އިޒަބެލް އޮލިވާ ވިދާޅުވީ، އޭވިއަން ފްލޫ، ނުވަތަ ދޫނި ރޯގާ، އިންސާނުންގެ ހަށިގަނޑަށް ވާރުތަ ވުމުގެ ފުރުސަތު ކުޑަ ކަމަށާ، ނަމަވެސް ބައެއް ސްޓްރިންތަކަކީ އިންސާނުންގެ ހަށިގަނޑަށް ފޯރާ ސްޓްރެއިންތަކެއް ކަމުން، ދުރާލާ އެފަދަ ކޭސްތައް ދެނެގަނެ، ފިޔަވަޅު އަޅަމުން ދާ ކަމަށެވެ.

އިނގިރޭސިވިލާތުން މިހާރު ފެނުނު ސްޓްރެއިން އަކީ އެއް އިންސާނެއްގެ ހަށިގަޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ވާރުތަ ކުރާ ކަމުގެ ހެކި ލިބިފައި ވާ ސްޓްރެއިންއެއް ނޫން ކަމަށްވެސް ޕްރެފެސާ އޮލިވާ ވަނީ ވިދާޅުވެފައެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އިނގިރޭސިވިލާތުގެ ސަރުކާރުން މި ވަނީ، މި ކޭހުގެ މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ ހިއްސާ ކޮށްފައެވެ.