އޭޝިއާ އާއި ޔޫރަޕްގެ ބައެއް ސަރަހައްދުތަކުގައި ދޫނި ރޯގާ ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށް ޖަނަވާރުންގެ ސިއްހަތާ ބެހޭ ބައިނަލްއަގްވާމީ ޖަމާއަތް، އޯއައިއީން ބުނެފިއެވެ.

އެ ޖަމާއަތުން ބުނެފައިވަނީ ސައުތް ކޮރެއާގައި 770،000 ދޫނި ގެންގުޅޭ ފާމެއްގައި އެ ރޯގާ ފެތުރެމުންދާ ކަމުގެ މަައުލޫމާތު ލިބިފައިވާ ކަމަށާ، މިކަމުގެ ސަބަބުން އެ ފާމްގައި ގެންގުޅޭ ހުރިހާ ޖަނަވާރު މަރާލާފައިވާ ކަމަށެވެ.

އޯއައިއީން އިތުރަށް ބުނީ ޖަޕާނުގައި ދޫނި ގެންގުޅޭ ފާމެއްގައި ވެސް އެ ރޯގާ ފެތުރެމުންދާ ކަމުގެ މައުލޫމާތު އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހިއްސާކޮށްފައި ވާ ކަމަށެވެ.

ޔޫރަޕަށް ބަލާ އިރު ނޯވޭގައި 7،000 ދޫނި ގެންގުޅޭ ފާމެއްގައި ދޫނި ރޯގާ ފެތުރެމުން ދާ ކަން އޯއާއިއީން ވަނީ ކަށަވަރު ކޮށްދީފައެވެ. ދޫނި ރޯގާ ފެތުރުމުގެ ބިރު އޮތުމުން ބެލްޖިއަމް، ނެދަލޭންޑްސް އަދި ފްރާންސް އިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.

ދޫނި ރޯގާ އަކީ އިންސާނުންނަށް ވެސް ޖެހޭ ރޯގާއެއް ކަމަށް ވާ އިރު މި ރޯގާ އަކީ ދޫނި އެއްޗެހި ގެންގުޅޭ މީހުންނަށް ގިނައިން ޖެހޭ ރޯގާއެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި ދޫނީގެ މަސް ކައިގެން މި ރޯގާ ނުޖެހޭނެ ކަމަށް ވެސް ސިއްހީ މާހިރުން ބުނެއެވެ.