ދޫނިރޯގާގެ ސްޓްރެއިންއެއް ކަމަށްވާ އެޗް5އެން8ގެ އަސަރު، އިންސާނުންގެ ހަށިގަނޑުން ފުރަތަމަ ފަހަރަށް ފެނިގެން، ރަޝިއާއިން ރިޕޯޓް ކޮށްފިއެވެ.

ރަޝިއާގެ އޮފިޝަލުން ވިދާޅުވީ، އެ ގައުމުގެ ދެކުނުގެ ސަރަހައްދެއްގައި ދޫނި ގެންގުޅޭ ޕްލާންޓެއްގައި މަސައްކަތް ކުރާ 7 މީހަކަށް ވައިރަހުގެ އަސަރު ކޮށްފައި ވާ ކަމަށެވެ. މި މީހުންނަށް ވައިރަހުގެ އަސަރު ފޯރާފައިވަނީ މިދިޔަ ޑިސެންބަރު މަހު ދޫނިތަކަށް މި ރޯގާ ޖެހިގެން ކަމަށްވެސް ރަޝިއާއިން ބުނެއެވެ.

ރަޝިއާގެ ކޮންޒިއުމާ ހެލްތު ވޮޗްޑޯގްގެ އިސްވެރިޔާ އޭނާ ޕޮޕޯވާ ވިދާޅުވީ، 7 މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި އިތުރު ބަޔަކަށް ބަލިޖެހުނަ ނުދީ، ބަލި ކޮންޓްރޯލް ކުރުމަށް، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ވާ ކަންވެސް ޕޮޕޯވާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ވައިރަސް ފަތުރާތީ އަދި ފާހަގަ ކުރެވިފައި ނުވާ ކަމަށާ، ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އަށް މިކަން ރިޕޯޓް ކޮށްފައި ވާނެ ކަމަށް ޕޮޕޯވާ ވިދާޅުވިއެވެ.

ޕޮޕޯވާ އިތުރަށް ވިދާޅުވީ، ރަޝިއާގެ ވެކްޓާ ލެބޯޓްރީއިން، މި ސްޓްރެއިންގެ ޖެނެޓިކް މެޓީރިއަލްތައް ހޯދާފައި ވާ ކަމަށެވެ. މި ހާތަނަށް ހޯދުނު ހޯދުންތަކުން، އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ފެތުރުމުގެ ގާބިލުކަން މިވަގުތު މި ވައިރަހަށް ލިބިފައި ނުވާ ކަމަށް ޕޮޕޯވާ ވިދާޅުވިއެވެ. އެހެންކަމުން، މިއީ މިފަދަ ހާލަތަކަށް ތައްޔާރުވުމަށް ދުނިޔެއަށް ލިބޭ ވަގުތު ކޮޅެއް ކަންވެސް ޕޮޕޯވާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މި ބައްޔަށް ޓެސްޓު ކުރާނެ ނިޒާމުތަކެއް އުފެއްދުމަށްވެސް ރަޝިއާގެ ސައެންސްވެރިންނަށް ލިބުނު ފުރުސަތެއް ކަމަށް ޕޮޕޯވާ ވިދާޅުވިއެވެ.

ދޫނިރޯގާގެ އެކި ސްޓްރެއިންތަކުގެ އަސަރު އިންސާނުންނަށް ފޯރާފައި ވާ ކަމުގެ ރިޕޯޓްތައް މީގެ ކުރިންވެސް ވަނީ ލިބިފައެވެ. އަދި މި ބަލީގައި ބަޔަކު ވަނީ މަރުވެސްވެފައެވެ. ނަމަވެސް، މިއީ އެޗް5އެން8، އިންސާނުންނަށް ފޯރިކަމަށް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.