ދޫނި ރޯގާގެ ސްޓްރެއިންއެއް ކަމަށްވާ އެޗް10އެން3، ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑުން ފެނިފައި ވާ ކަން، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން ކަށަވަރުކޮށްދީފިއެވެ.

ދޫނި ރޯގާގެ ސްޓްރެއިން ފެނިފައި ވަނީ، ޗައިނާގެ އިރުމަތީ ޖިއާންގްސޫ ޕްރޮވިންސްއަށް ނިސްބަތްވާ، އުމުރުން 41 އަހަރުގެ ފިރިހެއްނެގެ ހަށިގަނޑުން ކަމަށް މައުލޫމާތު ލިބެއެވެ.

އެންއެޗްސީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވާ ގޮތުގައި، ހުން އައުމާ، އެނޫންވެސް ބައެއް އަލާމާތްތަކާއެކު އެމީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އޭޕްރިލް 28، 2021 ވަނަ ދުވަހުއެވެ. އޭނާއަށް ޖެހިފައި ވަނީ އެޗް10އެން3 އޭވިއަން އިންފްލުއެންޒާ ކަން ކަށަވަރުވީ މެއި 28 ވަނަ ދުވަހު ކަމަށް އެންއެޗްސީއިން ބުނާއިރު، މިކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެމީހާގެ ހަށިގަނޑަށް ވައިރަސް ފޯރި ގޮތުގެ ތަފްސީލެއްވެސް އެންއެޗްސީއިން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މީހާގެ ހާލު ސްޓޭބަލްއެވެ. މިހާރު ދަނީ، ހޮސްޕިޓަލުން ދޫކޮށްލުމަށް ތައްޔާރު ވަމުންނެވެ. އެމީހާއާ އެކީ އެއްތާވީ މީހުންގެ މެޑިކަލް ޗެކަޕްތަކުން، އިތުރު މީހަކަށް އެ ބަލި ޖެހިފައި ވާއތީ ފެނިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.

އެންއެޗްސީއިން ބުނީ އެޗް10އެން3 ސްޓްރެއިންއަކީ ދޫނި ރޯގާގެ މާ ސީރިއަސް ނޫން ސްޓްރެއިންއެއް ކަމަށާ، އިންތިހާ ހަލުވި މިނުގައި މި ސްޓްރެއިން ފެތުރިގެން ދިއުމުގެ ނުރައްކާ ވަރަށް ކުޑަ ކަމަށެވެ.

ދޫނި ރޯގާގެ އެކި ސްޓްރެއިންތައް ޗައިނާއިން ރިޕޯޓް ކޮށްފައިވެއެވެ. ދޫނި ރޯގާގެ ސްޓްރެއިންއެއް ކަމަށްވާ އެޗް7އެން9 ގެ އަސަރު ކޮށްގެން 2016-2017 ވަނަ އަހަރު 300 އެއްހާ މީހުން މަރުވި ފަހުން، ދޫނި ރޯގާގެ ބަލިމަޑުކަމެއް، ދުނިޔޭގެ އެއްވެސް ހިސާބަކުން އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.