ދޫނި ރޯގާ ނުވަތަ އޭވިއެން އިންފްލުއެންޒާ (އެޗް5އެން1) ޖެހިގެން، އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް)ގައި ފަރުވާ ހޯދަމުން ދިޔަ، އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.
މިއީ މިއަހަރު ތެރޭގައި އިންޑިއާއިން ދޫނި ރޯގާ ޖެހިގެން ރެކޯޑް ކުރި، ފުރަތަމަ މަރުގެ ކޭސް ކަމަށް ހަބަރު ލިބެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއިމްސް ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން މިވަގުތު ތިބީ އައިސޮލޭޝަންގައެވެ.
އެއިމްސް އިން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، 12 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ލިއުކީމިއާ އަދި ނިއުމޯނިއާގެ އަސަރު ފެނިފައި ވާ ކަމަށެވެ.
މިއަހަރަކީ އިންޑިއާގެ ދޫނިތަކުގެ އާބާދީގައި މި ބަލިމަޑުކަން އިންތިހާ ހަލުވި ދުވެލީގައި ފެތުރިގެން ދިޔަ އަހަރެއް ކަން ފާހަގަ ކުރަން ޖެހެއެވެ. ޑޮކްޓަރުންގެ ވާހަކަތަކަށް ބަލާއިރު، މި ކޭހަކީ އިންސާނެއްގެ ހަށިގަނޑަށް މި ބަލި، މި އަހަރު ފެތުރިގެން ދިޔަ ފުރަތަމަ ފަހަރު ކަމުގައި ބެލެވިދާނެއެވެ. އިންސާނުންނާ ހިސާބަށް ދޫނި ރޯގާ ފޯރަނީ މަދު ފަހަރަކުއެވެ.
ދޫނި ރޯގާއަކީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ވުރެ ނުރައްކާތެރި ރޯގާއެކެވެ. ބާޑް ފްލޫގެ މޯޓަލިޓީ ރޭޓް ނުވަތަ ބަލީގައި މަރުވާ ނިސްބަތް އުޅެނީ 60 ޕަސަންޓްގައެވެ. ކޮވިޑް-19ގެ މޯޓާލިޓީ ރޭޓަކީ 3 ޕަސަންޓްއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ރެކޯޑްތަކަށް ބަލާއިރު އެންމެ ފަހުން އިންސާނެއްގެ ހަށިގަނޑުން ބާޑް ފްލޫ ފެނިފައި ވަނީ އޮކްޓޯބަރު 2020 ގައި ލާއޯސްއިންނެވެ.
ދޫނި ރޯގާ ނުވަތަ އޭވިއަން އިންފްލުއެންޒާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ދޫނި ރޯގާ ކިޔަނީ މިވައިރަސްގެ ސަބަބުން ޖެހޭ ރޯގާ ވަލު ދޫނި ތަކާއި، ހިޖުރަކުރާ ދޫނިތަކުގެ މެދުގައި އާންމުކަމުންނެވެ. މިބަލީގެ ޖަރާސީމު ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި، ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި، ލޭގައި ހުރެއެވެ.
ކުކުޅު ނުވަތަ ދޫނި ގެންގުޅޭ، އުޅޭ ސަރަހައްދަކާއި، ތަނަކާއި ކައިރިވެ އުޅުމަށް ފަހު، އަރިދަފުސް ރޯގާ އާއި ވައްތަރު އަލާމާތް ހުރެ ބަލިވެއުޅޭނަމަ، ޑޮކްޓަރަކާއި، ނުވަތަ ސިއްހީ ހިދުމަތްތެރިއަކާ ވާހަކަ ދެއްކުން މުހިންމެވެ.
އިންސާނުންނަށް މިބަލި ޖެހެނީ މިތަކެއްޗާ ގައިގޯޅިވެ އުޅުމުގެ ސަބަބުން ނޭނގުމުގެ ތެރޭގައެވެ. ބޮޑެތި މީހުންނަށް މިބަލި ޖެހެނީ މިތަކެތި ކަތިލުމަށް ނުވަތަ މިތަކެތީގެ ފަތް ނޮޅުމަށް އުޅޭ އުޅުމުގެ ތެރޭގައެވެ. ނުވަތަ ބަލިޖެހިފައި ހުންނަ ދޫނި ކަތިލެވުމުންނެވެ. ކުޑަކުދިންނަށް މިބަލި ޖެހެނީ ބަލިޖެހިފައި ހުންނަ ދިރޭ ކުކުޅާއި، މަރުވާ ކުކުޅާއެކު ކުޅެއުޅުމުގެ ތެރޭގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.