މި ފެށުނު މީލާދީ އާ އަހަރާ ދިމާކޮށް، ސައެންސްވެރިން، ހޮލީވުޑްގެ ބަތޮލް، ލިއަނާޑޯ ޑިކެޕްރިއޯއާށް އާދަޔާ ހިލާފު ހަދިޔާއެއް ދީފިއެވެ.

އެގޮތުން، ސައެންސްވެރިން ވަނީ، ކެމެރޫންއިން ފެނުނު އަބަދަށްފެހި ގަހަކަށް، ލިއަނާޑޯ ޑިކެޕްރިއޯގެ ނަމުން ނަން ދީފައެވެ. މި ގަހަށް "ޔުވޭރިއޯޕްސިސް ޑިކެޕްރިއޯ"ގެ ނަމުން ނަން ދިނީ، އީބޯ ޖަންގަލިން ގަސް ކެނޑުމަށް ލިއޯ ޑިކެޕްރިއޯ ހިންގާ ވަރުގަދަ ކެމްޕޭންގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ލިއޯ ޑިކެޕްރިއޯގެ ނަމުން ނަން ދިން އަބަދަށްފެހި ގަހާ ބެހޭ ދިރާސާތައް ކުރިއަށް ގެންގޮސްފައި ވާއިރު، މިއީ ސައެންސްވެރިންގެ އިތުރުން، އެ ގަސް ފެނުނު ސަރަހައްދުގެ އާބާދުތަކަށްވެސް މީގެ ކުރިން އެނގިފައި ވާ ޒާތެއްގެ ގަހެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

"ޑިކެޕްރިއޯ" ގަހުގެ ބައެއް ސިފަތަކަށް ބަލާއިރު، އެ ގަހަކީ 4 މީޓަރު އުހަށް ހެދޭ ގަހެކެވެ. އަދި ގަސްގަނޑުން އާދަޔާ ހިލާފު، ވިދުމެއް ހުންނަ ފެހި-ރީނދޫ ކުލައެއްގެ މާތަކެއްވެސް ފޮޅެއެވެ. މި ގަހަކީ އިންޑިއާ، ދެކުނު އިރުމަތީ އޭޝިއާ އަދި އިންޑޮނޭޝިއާގެ ހިސާބުތަކުން ފެންނަ ކަންނަންގާ އޮޑޮރާޓާއާ އާއިލީ ގުޅުމެއް އޮންނަ ގަހެއް ކަމަށްވެސް ހަބަރު ލިބެއެވެ.

ލިއޯ ޑިކެޕްރިއޯގެ ނަމުން ނަންދީފައި ވާ "ޔުވޭރިއޯޕްސިސް ޑިކެޕްރިއޯ" އަކީ ނެތި ދިއުމުގެ ބިރު ހީވެފައި ވާ ގަހެކެވެ.