އެހީގެ ނަމުގައި ޗައިނާއިން ފަގީރު ގައުމުތަކަށް ފައިސާ ދިނުމަށް ގެންގުޅޭ އުސޫލުތަކާ، އެ ފައިސާ ނުވަތަ ދަރަނި ދައްކާ ހަލާސް ކުރުމަށް، އެ ގައުމުތަކުން އުފުލަމުން ދާ ތަކުލީފުތަކާ ގުޅިގެން، މި ފަހަކަށް އައިސް ޗައިނާއަށް އަމާޒު ކުރާ ފާޑުކިއުންތަކުގެ އަޑު ވަނީ އިންތިހާއަށް ގަދަވެއެވެ. އަދި ޗައިނާއަށް ދަރާފައި ވާ ފަގީރު ގައުމުތަކުން، ޗައިނާގެ ޕްރެޝަރަށް، އަމިއްލަ މިނިވަންކަން ގުރުބާން ކުރަން ޖެހިފައި އޮތް އޮތުމުގެ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ.

ނަމަވެސް، މި ވާހަކަތަކަށް ޗައިނާ ކުރަނީ އިންކާރެވެ. ޗައިނާއިން ތުހުމަތު ކުރާ ގޮތުގައި، މިއީ ހުޅަނގުން އުފައްދައިގެން އުޅޭ ވާހަކަތަކެކެވެ. ބަޔަކު ފަރުމާކޮށްގެން ބޭނުން ކުރަމުން އަންނަ "ޗައިނާގެ ދަރަނި ދަންތުރާގަ" އެއްވެސް ގައުމަކުން މިހާތަނަށް ޖެހިފައި ނުވާނެ ކަމަށްވެސް ޗައިނާއިން ބުނެއެވެ.

ސްރީލަންކާގެ ކޮލަމްބޯ ހާބަރު ސަރަހައްދުގައި ޗައިނާގެ ބޮޑު ހިއްސާއަކާ އެކު އޮޕަރޭޓް ކުރާ ޕޯޓް / ފޮޓޯ: ދިނުކާ ލިޔަނަވައްތަ

ޗައިނާއިން ދޭ ލޯނާ ބެހޭ އެނގެނީ ކޯނޗެއް؟

ޗައިނާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރާ ގައުމުތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދާ ގައުމެކެވެ. ފާއިތުވީ 10 އަހަރެއްހާ ދުވަހަށް ބަލާއިރު، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ޗައިނާއިން ދޫކުރި ލޯނުގެ ނިސްބަތް ވަނީ 10 ގުނަ އިތުރު ވެފައެވެ. 2020 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 170 ބިލިއަން ޑޮލަރަށް އަރާފައެވެ.

ތަފާސް ހިސާބުތަކުން ފެންނަން އޮތް އެއްޗަކަށް ވުރެ، ޗައިނާއިން ދޫކޮށްފައިވާ ހަގީގީ ލޯނުތަކުގެ ނިސްބަތް އިންތިހާއަށް ބޮޑުވާނެ ކަމަށް ލަފާ ކުރެވެއެވެ. ވިލިއަމް އެންޑް މޭރީ ޔުނިވާސިޓީގެ ބައިނަލްއަގުވާމީ އެހީތަކާ ބެހޭ ޔުނިޓް، އެއިޑްޑޭޓާއިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ޗައިނާއިން ދޫކޮށްފައިވާ ލޯނަކީ، އެ ގައުމުގެ ރަސްމީ ތަފާސް ހިސާބުތަކުގައި ބަޔާން ކޮށްފައި ވާ ދަރަނި ތަކެއް ނޫނެވެ.

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ (ވ) އަދި ޗައިނާގެ ރައީސް ޝީ ޖީންޕިންގް ސަލާމް ކުރައްވަނީ/ފޮޓޯ: ޔޫޓިއުބް

އެއިޑްޑޭޓާއިން ބުނާ ގޮތުގައި، ޗައިނާއިން "ފޮރުވާފައިވާ" ދަރަނީގެ ޝިކާރައަކަށް ވުމުގެ ސަބަބުން، އެ ގައުމުތަކުގެ ގައުމީ އުފެއްދުންތެރި ކަމުގެ ނިސްބަތުގެ 10 ޕަސެންޓަށް ވުރެ ބޮޑު ބައެއް، ޗައިނާއަށް ދަރާފައި ވާ 40 އަށް ވުރެ ގިނަ ގައުމު، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ލިސްޓުގައި ވެއެވެ. ޖިބޫޓީ، ލާއޯސް، ޒެމްބިއާ އަދި ކިރިގިޒްތާން ފަދަ ގައުމުތަކަކީ، އެ ގައުމުތަކަށް އަހަރެއްގެ މައްޗަށް ޖެހޭ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 20 ޕަސެންޓަށް ވުރެ ބޮޑު ބައެއް، ޗައިނާއަށް ދަރާފައި ވާ ގައުމުތަކެވެ.

ގައުމުތަކުން ޗައިނާއަށް ދަރާފައި ވާ ދަރަނީގެ ބޮޑު ބައެއް ގުޅެނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއެވެ. މަގު ހެދުމާ، ރޭލްވޭތަކާ ބަނދަރުތަކުގެ މަޝްރޫއުތަކާއެވެ. މީގެ އިތުރުން ޗައިނާގެ ރައީސް ޝީ ޖީންޕިންގެ މޭސްތިރިކަމުގެ ދަށުން ފެއްޓެވި "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް"ގެ ވަކި ހިއްޕާލާފައި ވާ މަޝްރޫއުތަކާއެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދިޔަ އިރު، ޗައިނާގެ މަސައްކަތްތެރިއެއް ބުރިޖުގެ މަސައްކަތުގައި ހަރަކާތްތެެރިވަނީ / ފައިލް ފޮޓޯ: ޙުސައިން މަޚްތޫމް | ދަޕްރެސް

ޗައިނާގެ ދަރަނި ދަންތުރަ

ހާރިޖީ ޖާސޫސާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާ (އެމްއައިސިކްސް)ގެ އިސްވެރިޔާ ރިޗާޑް މޫއާ ވިދާޅުވާ ގޮތުގައި، ޗައިނާއިން ދަރަނި ދަންތުރާ"ގައި ގައުމުތައް ޖައްސަމުން ދަނީ، އެ ގައުމުތަކުގެ މައްޗަށް ބާރު ހިންގުމުގެ ނިޔަތުގައެވެ.

ޗައިނާއަށް ދައްކާ، ހަލާސް ކުރަން ޖެހޭ ދަރަނިތައް އަދާ ނުކުރެއްވިއްޖެނަމަ އެ ގައުމުތަކުން ޗައިނާއަށް އެސެޓްތައް ދޫކޮށް، ޗައިނާގެ މައްޗަށް ކޮންޓްރޯލްގެ ލަގަން ދޫކޮށްލާ ބީދައިންނެވެ.

ޗައިނާއިން ދޫކުރާ ދަރަންޏަށް ފާޑުކިއާ ފަރާތްތަކުން ފާހަގަކުރާ އެއް މިސާލަކީ، ސްރީލަންކާގެ ހަމްބަންޓޯޓާ މަޝްރޫއުގެ މިސާލެވެ. ޗައިނާގެ ދަންތުރަށް، ކިތަންމެ ހާވެސް ރަނގަޅަށް ސްރީލަންކާގެ ކަރަށް ބާރުވެ، ދައުލަތުގެ ބާރު ހިނގާ ކުންފުންޏެއްގެ 70 ޕަސެންޓް ހިއްސާ، 99 އަހަރަށް ޗައިނާއަށް ދޫކޮށްލީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

ދިވެހިވެރާއްޖޭގެ ކުރީގެ ރައީސް، ޔާމީން(ކ) އަދި ޗައިނާގެ ރައީސް (ވ)

ފާއިތުވީ އަހަރުތަކަށް ބަލާއިރު ސްރީލަންކާއަށް އިގުތިސޯދީ ގޮތުން ޗައިނާއަށް ހޯދާ ދެވުނު ކުރިއެރުމެއް ފެންނަން ނެތްތާ، ސްރީލަންކާ ދަނީ އިނދަޖެހެމުންނެވެ. މިއާއެކު، ޗައިނާއިން ސްރީލަންކާއަށް ފޯރުކޮށްދެމުންދާ އެހީގެ ފަހަތުގައި ވަނީ ސިޔާސީ މަގުސަދެއް ކަމަށް ބުނެ ކުރާ ތުހުމަތުތަކުގެ އަޑު ދަނީ އިންތިހާ ގަދަވަމުންނެވެ.

ޗައިނާއަށް ދަރާ ދެރުން ފިލުވާލަން އުނދަގޫތަ؟

ހުޅަނގުގެ ގައުމުތަކާ އަޅާ ބަލާއިރު ޗައިނާއިން ލޯނު ދޫކުރަނީ އިންތިހާ މަތީ އިންޓްރެސްޓް ރޭޓެއްގައެވެ.

ޗައިނާއިން އާންމު ގޮތެއްގައި ލޯނު ދޫކުރަނީ 4 ޕަސެންޓް އިންޓްރެސްޓް ރޭޓުގައެވެ. މިއީ ވީލްދް ބޭންކު ފަދަ ބައިނަލްއަގުވާމީ މުއައްސަސާއެއް ނުވަތަ ފަރަންސޭސިވިލާތް، ނުވަތަ ޖަރުމަނުވިލާތް ފަދަ ގައުމުތަކުން ލޯނު ދޫކުރާ އިންޓްރެސްޓް ރޭޓަށް ވުރެ 4 ގުނަ އިތުރު މިންވަރެކެވެ.

ލަންކާ ފިހާރާއެއްގެ ޑެއިރީ ސެކްޝަނުން ވިޔަފާރި ކުރަން ހުރި މީހެއް / ފޮޓޯ: ދަ ސްޓްރެއިޓްސް ޓައިމްސް

ޗައިނާއިން ދޫކުރާ ލޯނުތައް، ދައްކާ ހަލާސް ކުރަން ދީފައި އޮންނަނީވެސް ނިސްބަތުން ކުރު މުއްދަތެކެވެ. ޗައިނާގެ ލޯނުތަކަކީ ގިނަ ފަހަރަށް، 10 އަހަރަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ހަލާސް ކުރަން ޖެހޭ ލޯނުތަކަށް ވާއިރު، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ލޯނު ދޫކުރާ އެހެން ފަރާތްތަކަށް 28 އަހަރުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭ ލޯނުވެސް ހުރެއެވެ.

މީގެ އިތުރުން އޯފްޝޯ އެކައުންޓެއްގައި، ޗައިނާއަށްވެސް އެތަނަކަށް ވަދެވޭނެ ހެން ކޮންމެވެސް ވަރެއްގެ ފައިސާ ކޮޅެއް ބެހެއްޓުމަށް ޗައިނާއިން ޑިމާންޑް ކުރާ ކަމަށްވެއެވެ. ހުޅަނގުން ދޫކުރާ ލޯނުތަކުގައި މިފަދަ ކަމެއް ހިނގާތީ ނުފެނެއެވެ.