އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ ސަބަބުން ތަކުލީފު އުފުލަން ޖެހިފައި ވާ ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 300 މިލިއަން ޔުއާން ނުބަތަ 45.39 މިލިއަން ޑޮލަރުގެ ލޯނެއް ދޫ ކުރުމަށް ޗައިނާ ސަރުކާރުން ނިންމާފައި ވާ ކަމަށް، ސްރީލަންކާގައި ހުންނަ ޗައިނާ އެމްބަސީގެ ރަސްމީ ޓްވިޓާ އެކައުންޓާ ހަވާލާދީ، ލަންކާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އެ ލޯނަކީ ސްރީލަންކާއަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ބޭހާއި، ކާބޯތަކެތީގެ އިތުރުން ހަކަތަ ގަތުމަށް ސްރީލަންކާއަށް ފޯރުކޮށްދޭ ލޯނެއް ކަމަށް ވެސް އެމްބަސީގެ ޓްވީޓްގައި ވަނީ ބަޔާން ކޮށްފައެވެ. މި ލޯނާއެކު، ޗައިނާ ސަރުކާރުން ސްރީލަންކާއަށް ފޯރުކޮށްދޭ ކުއްލި ހާލަތުގެ މާލީ އެހީގެ އަގު، 500 މިލިއަން ޔުއާން ނުވަތަ 76 މިލިއަނެއްހާ ޑޮލަރަށް އިތުރު ވެގެންދާނެ ކަމަށްވެސް އެމްބަސީއިން ބުނެއެވެ.

ސްރީލަންކާއަށް މިވަގުތު އެންމެ ބޭނުން ޖެހިފައިވާ ޒަރޫރީ ސަމާނު ގަތުމަށް އެހީވެދިނުމުގެ ނަމުގައި ޗައިނާއިން ސްރީލަންކާއަށް އިތުރު ލޯނެއް ދޫކުރަން ނިންމާފައި ވާ އިރު، ސްރީލަންކާ މިއަދު އޮތް ފައްތަރަށް އެ ގައުމު ވެއްޓުނީވެސް ޗައިނާގެ "ދަންތުރާގައި" ސްރީލަންކާ ޖެހިގެން ކަމަށް ގިނަ ބަޔަކު ދަނީ އިއްތިފާގުވަމުންނެވެ.

ތަރައްގީގެ ނަމުގައި ޗައިނާއިން ހިންގާ އެކި މަޝްރޫއުތަކުގައި ސްރީލަންކާ ބެދެމުން ދާ އިރު، ސްރީލަންކާ މިއަދު ވެއްޓިފައި ވާ އަނދަވަޅަށް އެ ގައުމު ވެއްޓުމުގެ އެންމެ ބޮޑު އަސްލަކީވެސް އެއީ ކަމަށް ބުނެވެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އިތުބާރު ހިފޭ މާލީ މަސްދަރުތަކުންވެސް ވަނީ، ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ހީނަރު ކަމުގެ އަސްލަކީ، ދަރަނި ހަލާސް ކުރުމާ ގުޅިފައި ވާ ކަމެއް ކަން ފާހަގަ ކުރައްވާފައެވެ.