މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ އަވަށްޓެރި ސްރީލަންކާގެ ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ޒަރޫރީ ހިދުމަތްތަކާ ގުޅިފައިވާ މުވައްޒަފުން ފިޔަވާ އެހެން މީހުން، ހުކުރު ދުވަހު ވަޒީފާއަށް ނުނިކުތުމަށް، އެ ގައުމުގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ މިއަދު އަންގަވައިފިއެވެ.

ޒަރޫރީ ވަޒީފާތަކުގައި ތިބި މުވައްޒަފުން ފިޔަވާ، ސަރުކާރުގެ އެހެން މުވައްޒަފުން އޮފީސްތަކަކަށް ނުނިކުތުމަށް ވިކްރަމަސިންހަ އެންގެވީ، ސްރީލަންކާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ހަކަތައިގެ ކާރިސާއާ ގުޅިގެން އަމާޒު ކުރެއްވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަމަ މި ރޫހުގައި ވިކްރަމަސިންހަ ވަނީ، ހަފުތާ ބަންދުގެ ދުވަސްތަކުގައި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށް، އެ ގައުމުގެ އާންމުންނަށްވެސް އިލްތިމާސް ކުރައްވާފައެވެ.

ހަފުތާ ނިމިގެން ދާއިރު ޕެޓްރޯލާއި ޑީސަލް ލިބޭނެ ކަމަށާ، އެހެން ކަމުން ހާލަތު އިތުރަށް ގޯސްވެގެން ނުދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ. އަދި ޖޫން މަހުގެ މެދަކާ ހިސާބާ ޖެހެންދެން ބޭނުން ކުރާނެ ހަކަތަ، އެ ގައުމުގައި އެބަ ހުރި ކަމަށްވެސް ލަންކާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. އެހާ ހިސާބަށް ދާއިރު ޖީސީއީ އޯލެވެލް އިމްތިހާނުތައްވެސް އޮންނާނީ ނިމިފައި ކަމަށާ، އެހެން ކަމުން ކޮންމެވެސް ވަރަކަށް ހަކަތައް ރައްކާ ކުރެވޭނެ ކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ.

ހަކަތަ ބަރުކޮށްގެން ލަންކާއަށް އިއްޔެ ބަނދަރުކުރި ބޯޓުގައި ހުރި ޝިޕްމަންޓް އަދިވެސް ކުލިއާ ކޮށްފައި ނުވާއިރު، ރައްޔިތުން ތަކުލީފު އުފުލަމުންދާ މި ދަނޑިވަޅުގައި އެކަން ކޮށްފައި ނުވަނީ ކީއްވެތޯ ވިކްރަމަސިންހަ ވަނީ އޮފިޝަލުންނާ ސުވާލު ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު ސްރީލަންކާއިން ވަނީ ދަރަނި ހަލާސް ކުރަން ދިން މުހުލަތާއި ގްރޭސް ޕީރިއަޑް ހަމަވިއިރުވެސް ފައިސާ ދައްކަން ފެއިލްވެ ޑިފޯލްޓްގެ ހާލަތަށް ވެއްޓިފައެވެ. މިއީ ސްރީލަންކާގެ މިނިވަންކަމުގެ ތާރީހުގައިވެސް އެ ގައުމު ޑިފޯލްޓްވީ ފުރަތަމަ ފަހަރެވެ. ދަރަނީގެ އިންޓްރެސްޓް ފައިސާގެ ގޮތުގައި ދައްކަން އޮތް 78 މިލިއަން ޑޮލަރު ދެއްކުމަށް ދިން ގްރޭސް ޕީރިއަޑް ހަމަވީ ބުދަ ދުވަހުއެވެ.

ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޕީ ނަންދާލް ވީރަސިންހަ ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ނުކުރާހާ ހިނދަކު، އެ ފައިސާ ދެއްކޭނެ ފަދައެއް ލަންކާގައި ނެތް ކަމަށެވެ.

ސްރީލަންކާއިން ދައްކަން ޖެހޭ ދަރަނިތައް ހަލާސް ކުރުމަށް އެ ގައުމު ފެއިލްވެ، ޑިފޯލްޓް ވެދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ އެންމެ ވަރުގަދަ ކްރެޑިޓް އޭޖެންސީތަކުން ހުސްވި މަހުގެ ތެރޭގައި ވަނީ ދީފައެވެ.