ދިވެހިރާއްޖެ އިންތިހާއަށް ދަރަނިވެރި ކުރުވި ޗައިނާގެ "ދަރަނި ދަންތުރަ" އާއި އެ ގައުމުން ހިންގާ ބިން ފޭރުމުގެ ސިޔާސަތަށް ފުރުސަތު ނުދެއްވާނެ ކަމަށާ، ނަމަވެސް ދިވެހިރާއްޖެއަކީ އަބަދުވެސް "އެންމެ ފުރަތަމަ އިންޑިއާ" ސިޔާސަތު ދަމަހައްޓާނެ ގައުމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދުވަހު ނޫހެއްގައި މިފަދައިން ރިޕޯޓް ކޮށްފައި ވަނީ، ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިޔާމް ސަރަން މޮޑަރޭޓް ކުރެއްވި ލެކްޗަރެއްގައި ދެއްކެވި ވާހަކަފުޅަކާ ހަވާލާދީއެވެ.

އިންޑިއާއާއެކު ގާތް ގުޅުމެއް ބޭއްވުމަށް ދިވެހިރާއްޖެއިން ބޭނުން ވާ ކަމަށާ، އެކަން ކަށަވަރު ކުރެއްވޭ ކަމަށް ނަޝީދާ ހަވާލާދީ އިންޑިއާގެ ދުވަހު ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ. ގިނަ ވޯޓު ލިބިވަޑައިނުގަންނަވާނެ ފަދަ ވާހަކަފުޅެއް ނުދައްކަވާނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ، ދެ ގައުމަށްވެސް ފައިދާ ކުރަނިވި ގާތް ގުޅުމެއް ބަދަހި ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ޔޫތު ޕާލިމެންޓުގައި ތަގުރީރު ކުރައްވަނީ / ފޮޓޯ: މަޖިލިސް

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނަޝީދު ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ޗައިނާގެ ސަރުކާރުން ހިންގާ ކުންފުނިތަކެއްގެ އަތް މައްޗަށް، ތާރީހު ދެކެފައި ނުވާ މިންވަރެއްގެ ބާރުތަކެއް، (ޔާމީން) ސަރުކާރުން ދޫކޮށްލެއްވި ކަމަށް ނަޝީދު ވިދާޅުވި ކަމަށް އިންޑިއާގެ ދުވަހު ނޫހުގައި ވެއެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ގޮތުގައި ޗައިނާގެ ކުންފުނިތަކަށް ދޫކޮށްލެއްވި ބާރުތަކެއްގެ ސަބަބުން، ދިވެހިރާއްޖެއަށް ދަރަނިވެރިވުމުގެ ތަކުލީފާ ކުރިމަތިވެފައި ވާ ކަންވެސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ޗައިނާއިން މަސައްކަތް ކުރީ ސަރުކާރު ހިންގުމުގައި އެކަކަށް ހުރިހާ ބާރު ލިބިދެނިވި އޮޓޮކްރަސީއެއް ގާއިމު ކޮށް، ދިވެހިރާއްޖެއިން ޑިމޮކްރަސީ ފޮހެލާ، ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރުމަށްފަހު، ޗައިނާއިން ހިތު ހުރި ގޮތަކަށް ކަން ކުރުމަށް ކަމަށްވެސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. ދިވެހިރާއްޖެއިން މިވަގުތު ދަރާފައި ވާ ދަރަނީ 70 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ޗައިނާއަށް ދަރާފައި ވާ ދަރަނި ކަމަށާ، އެކަމަކީ ދިވެހިރާއްޖޭގެ މައްޗަށް، ތާރީހު ނުދެކޭ ފަދަ އިގުތިސޯދީ އަދި ސިޔާސީ ބާރެއް، ޗައިނާއަށް ދެނިވި ކަމެއް ކަމަށް ނަޝީދު ވިދާޅުވި ކަމަށް އިންޑިއާގެ ދުވަހު ނޫހުގައިވެއެވެ.

ކުރީގެ ސަރުކާރުން ޗައިނާއަށް ދޫކޮށްލި ބާރުތައް އަލުން އަނބުރާ ހޯއްދެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ފިޔަވަޅުތަކެއް އެޅި ކަމުގައި ވީ ނަމަވެސް، ޗައިނާއަށް ދަރާފައިވާ ދަރަނީގެ ސަބަބުން، ހިސާބަކަށް ޗައިނާގެ ނުފޫޒު ފޯރާނެ ކަމަށް ނަޝީދު ވަކާލާތު ކުރައްވައެވެ. އަދި އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިލާން ޖެހިފައި ވާ އިގުތިސޯދީ ކާރިސާއަކީ ދަރަނި ދަންތުރައިގެ ސާފު މިސާލެއް ކަމުގައި ނަޝީދު ސިފަ ކުރެއްވި ކަމަށްވެސް އިންޑިއާގެ ދުވަހުން ރިޕޯޓް ކޮށްފައިވެއެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދިޔަ އިރު، ޗައިނާގެ މަސައްކަތްތެރިއެއް ބުރިޖުގެ މަސައްކަތުގައި ހަރަކާތްތެެރިވަނީ / ފައިލް ފޮޓޯ: ޙުސައިން މަޚްތޫމް | ދަޕްރެސް

2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު، އޭރު ދިވެހި ރާއްޖޭގައި ވެރިކަން ކުރަމުން ދިޔަ ސަރުކާރުން، ދިވެހި ބިންތަކެއް، ޗައިނާގެ ސަރުކާރުން ހިންގާ ކުންފުނިތަކަކަށް ދޫކޮށްލިކަމަށް ނަޝީދު ވިދާޅުވި ކަމަށް އިންޑިއާގެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ. ރިސޯޓް ހިންގުމަށް ދޫކުރި އެ ބިންތަކުގައި އަދާ ޖެހުނުއިރުވެސް އެއްވެސް ތަރައްގީއެއް ނެތްކަން ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ދަރަނި ދަންތުރައާއި ބިން ފޭރުމަކީ އަދުގެ ދުނިޔޭގައި ކަން ހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިފަދަ ރޫހެއްގައި ނަޝީދު ވާހަކަފުޅު ދައްކަވާފައި ވާ މި ދަނޑިވަޅަކީ، ދިވެހިރާއްޖޭގައި އިންޑިއާއިން އަސްކަރިއްޔާއިން މަރުކަޒުވެގެން ތިބޭ ތިބުމާ ދެކޮޅަށް، ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގަވާ އިދިކޮޅު ކެމްޕޭންގެ އަޑު، އިންތިހާއަށް ގަދަ ކުރަމުން ދާ ދަނޑިވަޅެކެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް، އަދުގެ ދިވެހި ސަރުކާރުން ގަރާރެއް ނެރެފައި ވާއިރު، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ކޮބައިކަން، ގާނޫނީ ހުދޫދުގެ ތެރެއިން ބަޔާން ކުރުމުގެ މަސައްކަތްތަކެއް ކުރަމުން ދާ ކަން ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަމުގެ މަގުސަދަކީ، އަވަށްޓެރި ގައުމުތަކާ އެކު ގާތް ގުޅުމެއް ބަދަހި ކުރެއްވުން ކަމަށްވެސް ނަޝީދު ވަނީ އިޝާރާތް ކުރައްވާފައެވެ.