ޗައިނާއާއި ސްރީލަންކާގެ ގުޅުމާ ބެހޭ ގޮތުން ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދާދި ފަހުން ދެއްކެވި ވާހަކަފުޅުތައް ޗައިނާއިން ދޮގުކޮށްފިއެވެ.
އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާގެ މަސްރަހާ ބެހޭ ގޮތުން ބްލޫމްބާގް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ގޮތަބާޔާ ވަނީ، 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓްލައިނެއް ޗައިނާ މެދުވެރިކޮށް ހޯދޭ ގޮތް ނުވެފައި ވާ ކަމަށާ، 1 ބިލިއަން ޑޮލަރުގެ ލޯނަކަށް އެދިގެން އެކަމަށްވެސް ޗައިނާއިން އިޖާބަ ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ރައްދުގައި، ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޝާއޯ ލީޖިއާން ވިދާޅުވީ ޒަމާންވީ އަވަށްޓެރި ބަދަހި ގުޅުމުގެ ތެރެއިން، ސްރީލަންކާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް، ޗައިނާއިން ވަރަށް ގާތުން ބަލަމުން ދާ ކަމަށެވެ. އަދި ލަންކާގެ ތަކުލީފުތައް އިހްސާސް ކުރެވޭ ކަމަށެވެ. އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ސްރީލަންކާއަށް ބޭނުންވާ އެހީ، މިހާތަނަށްވެސް އެ ގައުމަށް ފޯރުކޮށްދީފައި ވާނެ ކަމަށް ޗައިނާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާ އިނދަޖެހުމުގެ އެންމެ ބޮޑު އަސްލަކީ ޗައިނާގެ ދަރަނި ދަންތުރަ ކަމަށް ގިނަ ބަޔަކު ސިފަ ކުރަމުން ދާއިރު، ދަރަނި ހަލާސް ކުރެވެން ނެތި، ސްރީލަންކާ ވަނީ ޑީފޯލްޓްވެފައެވެ. ސްރީލަންކާއިން އެކަން އިއުލާން ކުރުމާއެކު، ދަރަނި ހަލާސް ކުރެވެން އޮތް ފަސޭހަ މަގުތަކާ ބެހޭ ގޮތުން ސްރީލަންކާއާއެކު މަޝްވަރާ ކޮށްފައި ވާނެ ކަމަށް ޗައިނާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ޗައިނާއިން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އޮތް އިސްތިރާޖީ ނަޒަރިއްޔާ، އެހެން މިސްރާބަކަށް ބަދަލު ވެފައި ވާ ކަމަށްވެސް ގޮތަބާޔާ ވަނީ ތުހުމަތު ކުރައްވާފައެވެ.
އެކަމަށްވެސް ޗައިނާއިން ވަނީ ރައްދު ދީފައެވެ. ދެކުނު އޭޝިއާގެ ގައުމުތަކާއި އެނޫންވެސް ޗައިނާގެ އަވަށްޓެރިންނަކީ ޗައިނާގެ ޑިޕްލޮމަސީގެ މުހިންމު އަސާސެއް ކަމަށްވެސް ލީޖިއާންގް ވަނީ ފާހަގަ ކުރައްވާފައެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ މި ހައްސާސީ ދަނޑިވަޅުގައި އެގައުމަށް މިހާތަނަށް އެންމ ފުޅާ ދާއިރާއެއްގައި އެހީ ފޯރުކޮށްދީފައި ވަނީ "ފުރަތަމަ އަވަށްޓެރިޔާ" ފަލްސަފާ ޕްރޮމޯޓް ކުރަމުންދާ އިންޑިއާއިންނެވެ.